އިނގިރޭސިވިލާތުގައި އޮންލައިން ސަލާމަތީ ޤާނޫނު ތަންފީޒުކުރަން މިދިޔަ ހޯމަ ދުވަހު ފަށައިފިއެވެ.
މި ޤާނޫނުގެ ދަށުން ފޭސްބުކް އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ކުންފުނިތަކުން އެ ޕްލެޓްފޯމްތަކުގައި ހިންގާ ކުށްކުރުމުގެ ޢަމަލުތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނެއެވެ. އަދި އެ ޕްލެޓްފޯމްތައް ރައްކާތެރި ގޮތެއްގައި ފަރުމާކުރަން ޖެހޭނެއެވެ.
މީޑިއާ ރެގިއުލޭޓަރު އޮފްކޮމްއިން ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި މީހުން މެރުމަށް ހިތްވަރުދިނުން ފަދަ ޣައިރު ޤާނޫނީ ގެއްލުންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމާ ގުޅޭ ފުރަތަމަ އުސޫލުތައް ޝާއިޢުކޮށްފައިވާ ކަމަށެވެ.
އޮފްކޮމްއިން ބުނެފައިވާ ގޮތުގައި 16 މާރިޗު 2025 އާ ހަމައަށް ވެބްސައިޓްތަކާއި އެޕްތަކުން އެ ޕްލެޓްފޯމްތަކުގައި ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ޣައިރު ޤާނޫނީ ކޮންޓެންޓުން ކުރިމަތިވާނެ ނުރައްކާތައް ދެނެގަންނަން ޖެހޭނެއެވެ. އަދި މި ސުންގަޑިއަށްފަހު، އެ ނުރައްކާތައް ކުޑަކުރުމަށް ރަނގަޅު މޮޑަރޭޝަން، ފަސޭހައިން ރިޕޯޓުކުރެވޭނެ ގޮތްތައް އަދި ރައްކާތެރިކަމުގެ ޓެސްޓުތައް ހިމެނޭ ފިޔަވަޅުތައް އަޅަން ފަށަން ޖެހޭނެއެވެ.
އޮފްކޮމްގެ ސީއީއޯ މެލަނީ ޑޯސް ވިދާޅުވެފައިވަނީ މިހާރު ސަލާމަތީ ސްޕޮޓްލައިޓް އަމާޒުވެފައިވަނީ ޓެކްނޮލޮޖީ ކުންފުނިތަކަށް ކަމަށެވެ. އަދި އެ ކުންފުނިތަކުން ފުރަތަމަ އުސޫލުތަކާއި ގައިޑްލައިންތަކުގައި ކަނޑައަޅާފައިވާ ދަރަޖައިގެ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ގާތުން ބަލަމުންދާނެ ކަމަށާއި، އަންނަ އަހަރުގެ ފުރަތަމަ ދެބައިކުޅައެއްބައިގައި އިތުރު ޝަރުޠުތައް އަވަހަށް ތަޢާރަފުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މިދިޔަ އަހަރު ޤާނޫނަކަށްވި އޮންލައިން ސޭފްޓީ އެކްޓުގެ ދަށުން ފޭސްބުކް، ޔޫޓިއުބް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކަށް ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅާފައިވެއެވެ. މި ޤާނޫނުގައި ކުޑަކުދިން ރައްކާތެރިކުރުމާއި ޣައިރު ޤާނޫނީ ކޮންޓެންޓް ނައްތާލުމަށް އިސްކަންދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!