ގޫގުލްގެ މައި ކުންފުނި އަލްފަބެޓުން އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލް ޖެމިނައިގެ ދެވަނަ ވަރޝަން ބުދަ ދުވަހު ނެރެފިއެވެ. މީގެ އިތުރުން ޗެޓްބޮޓްތަކުގެ އިތުރަށް އޭއައި ބޭނުންކުރެވިދާނެ އައު ގޮތްތަކެއްވެސް ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި އައިނުގެ ޒަރީއާއިން އޭއައި ބޭނުންކުރެވޭނެ ގޮތްވެސް ހިމެނެއެވެ.
ގޫގުލްގެ ސީއީއޯ ސުންދަރ ޕިޗައި ވަނީ މިއީ "އައު އޭޖެންޓިކް އީރާ" އެއްގެ ފެށުން ކަމަށް ބުނެފައެވެ. މިއީ އިތުރު މިނިވަންކަމާއެކު މަސައްކަތްތައް ކުރެވޭނެ ވާރޗުއަލް އެސިސްޓެންޓްތަކަށް އިޝާރާތްކޮށް ދެއްކި ވާހަކައެކެވެ.
"މި އެސިސްޓެންޓްތަކަށް ތިޔަބޭފުޅުންގެ ވަށައިގެންވާ މާހައުލު އިތުރަށް ދެނެގަނެ، ގިނަ ފިޔަވަޅުތަކެއް ކުރިއަށް ވިސްނައި، ތިޔަބޭފުޅުންގެ ބެލުމުގެ ދަށުން ތިޔަބޭފުޅުންގެ ފަރާތުން ކަންކަން ކުރެވޭނެ،" ޕިޗައި ބުންޏެވެ.
މި އައު ވަރޝަން ނެރުމަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި ކުރިއަރައި ދިއުމަށް ގޫގުލްއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މައިކްރޯސޮފްޓްގެ އެހީތެރިކަމާއެކު ހިންގާ އޯޕަންއޭއައިއިން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޗެޓްޖީޕީޓީ ނެރުމާއެކު މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވެއެވެ.
ގޫގުލްއިން ޖެމިނައި ތަޢާރަފުކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މިހާރު އޭގެ ހަތަރު ވަރޝަން ވަނީ ނެރެފައެވެ. ބުދަ ދުވަހު ނެރުނު އަޕްޑޭޓަކީ ފްލޭޝްގެ އަޕްޑޭޓެކެވެ. މިއީ އެންމެ އަގުހެޔޮ ދެވަނަ މޮޑެލެވެ. މި އަޕްޑޭޓްގައި ޕަރފޯމަންސް ރަނގަޅުކޮށް، ފޮޓޯއާއި އޯޑިއޯ ޕްރޮސެސްކުރުމުގެ ޚާއްޞިއްޔަތުތައް އިތުރުކޮށްފައިވެއެވެ. އެހެން މޮޑެލްތައް ނެރޭނީ އަންނަ އަހަރުއެވެ.
އޯޕަންއޭއައިއިން ވެސް ވަނީ ފަހަކަށް އައިސް އައު ޚިދުމަތްތަކެއް ތަޢާރަފުކޮށްފައެވެ. މީގެ ތެރޭގައި އެޑްވާންސްޑް ރިސާޗް ބޭނުންތަކަށް މަހަކު 200 ޑޮލަރަށް ލިބޭ ޗެޓްޖީޕީޓީ ސަބްސްކްރިޕްޝަނަކާއި، ޓެކްސްޓުން ވީޑިއޯ އުފެއްދޭ ސޯރާ މޮޑެލް ހިމެނެއެވެ.
ގޫގުލްއިން މަސައްކަތް ކުރަމުންދަނީ މިހާރުވެސް ގިނަ ބަޔަކު ބޭނުންކުރާ އެޕްލިކޭޝަންތަކަށް އޭއައިގެ ކުރިއެރުންތައް ތަޢާރަފުކުރުމަށެވެ. ސާޗް، އެންޑްރޮއިޑް އަދި ޔޫޓިއުބް ހިމެނޭ ގޮތަށް ގޫގުލްގެ ހަތް ޕްރޮޑަކްޓެއް ނެރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!