ދިވެހިރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކުގައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކު ޤާއިމުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ސިއްހަތާބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ މަޝްވަރާ ހޯއްދެވުމަށްފަހުއެވެ.

Ad
rt

ސިއްހީ ވުޒާރާގެ މި ހުށަހެޅުމާއި ގުޅިގެން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ޤާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ވަނީ ނިންމަވާފައެވެ.

މީގެއިތުރުން، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއަރގެ ޚިދުމަތެއްގެ ގޮތުގައި ސިޒޭޝަންގެ ޚިދުމަތް ދިނުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ މާސްޓަރ ޕްލޭންގެ ދަށުން، ރައީސް ވަނީ މުހިންމު ގިނަ ނިންމުންތަކެއް ނިންމަވައި ތަންފީޒުކުރަން ފައްޓަވާފައެވެ.

މިގޮތުން ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނާއި، އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާހުތަކެއް ގެނެސް ދުންފަތުގެ ބާވަތްތަކާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމަށާއި، ވޭޕް ކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ސަރުކާރުގެ މި ހުރިހާ ސިޔާސަތުތަކަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.