2023 ވަނަ އަހަރު ގެއްލުމުގައި ނިންމާލަން ޖެހުނު ނަމަވެސް 2024 ވަނަ އަހަރު ނިމިގެންދާނީ ސްޓެލްކޯއަށް 120 މިލިޔަން ރުފިޔާގެ ފައިދާއަކާއި އެކުގައިކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑީ ފަހުމީ މިހެން ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 52 ހަފްތާގެ ތެރެގައި އެ ކުންފުނިން ކުރި މުހިއްމު މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެމްޑީ ފަހުމީ ވިދާޅުވީ، 2023ވަނަ އަހަރަކީ ސްޓެލްކޯއަށް ގެއްލުމުގައި ހިންގުނު އަހަރެކެވެ. އެއީ 20 މިލިއަން ރުފިޔާގެ ގެއްލުމެކެވެ. ނަމަވެސް ސްޓެލްކޯ 2024 ގައި 120 މިލިއަން ރުފިޔާގެ ފައިދާ ލިބޭނެކަމަށް އެމްޑީ ފަހުމީ ވިދާޅުވިއެވެ.
އެމްޑީގެ ވާހަކާގައި ވަނީ ސަރުކާރުގެ ފުރަތަމަ 52 ހަފްތާގައި ކުންފުނިން ކުރި މުހިންމު މަސައްކަތްތައް ވެސް ފާހަގަކުރަށްވާފައެވެ.
އެމްޑީ ފާހަގަކުރެއްވި ގޮތުގައި އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ކަސްޓަމަރުންނަށް ސްމާޓް މީޓަރ ލިބޭނެއެވެ. އަދި ސްމާޓް މީޓަރ ޕްރޮޖެކްޓުން ކަރަންޓު ބިލާ ގުޅޭ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!