އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސްއަށް ދޭގޮތަށް އެ ދެކޮމިޝަންގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ދިނުމަށް ހިމަނާފައިވާ އެންޓި ކޮރަޕްޝަންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރުއެވެ.

Ad
rt

އީސީގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ދިނުމަށް ހިމަނާފައިވާ އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ކެލާ ދާއިރާގެ މެންބަރު ޢަބުދުﷲ ޝަރީފް އެވެ.

މި ދެ ބިލު ވެސް މަޖިލީހުން ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ.

މި ދެ ބިލުގައިވާގޮތުން ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސެއް އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ނަމަވެސް އެ ދެ ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރާ މީހެއްގެ ނަން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، އައްޔަން ކުރެވޭނީ، މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ، އެކަމަށް ނަގާ ވޯޓެއްގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް މި ދެ ބިލުގައި ބުނެފަވެއެވެ.

އޭސީސީގެ ގާނޫނާއި އީސީގެ ގާނޫނަށް ވަކިވަކިން އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް މެމްބަރުން އައްޔަން ކުރުމުގެ އުސޫލު އެއްހަމަކުރުން ކަމަށް މި ބިލުތަކުގައި ބުނެފަވެއެވެ.