ސްޕެނިޝް ލަލީގާގައި ރޭ ލެގަނޭސް ބަލިކޮށް ރެއާލުން ބާސެލޯނާއާއި ޕޮއިންޓްގެ ގޮތުން އޮތް ފަރަގު ކުޑަކޮށްފިއެވެ. ރޭ ލެގަނޭސްގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ބާސާއާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު އެއްވަރުވެ، ބާސާއަށް ދެ ޕޮއިންޓް ގެއްލުމުން ރޭ މެޗުން މޮޅުވެ ރެއްލުން މިވަނީ ބާސާއާއި އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ. އެއްވަނާގައި ބާސާ އޮތީ 14 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. އެއްމެޗު މަދުން ކުޅެ ރެއާލުން ވަނީ 30 ޕޮއިންޓް ހޯދާފައެވެ. މެޗު ހަމަވާއިރު އެއް ޕޮއިންޓަށް ފަރަގު ކުޑަކުރުމުގެ ފުރުސަތު މިހާރު ރެއާލަށް ވަނީ ތަނަވަސް ވެފައެވެ.

Ad
rt

ލެގަނޭސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ލީގުގައި އެމްބާޕޭ ޖެހި ހަތްވަނަ ލަނޑެވެ.

ރެއާލް މެޑްރިޑަށް އެމްބާޕޭ ބަދަލުވި ފަހުން އޭނާގެ އަސްލު ކުޅުން ދެއްކިފައިނުވާކަމަށް ގިނަ ބަޔަކު ބުނަމުން ދަނިކޮށް އޭނާގެ ފަރާތުން މި މެޗުގައި ވަނީ ރަގަޅު ކުޅުމެއް ފެނިފައެވެ.

ރެއާލް މެޑްރިޑުން މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅެފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ވެޑެރީކޯ ވަލްވާޑޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

މި މެޗުގައި ރެއާލް މެޑްރިޑްގެ ފުރަތަމަ ޓީމުން ފުރުސަތު ދީފައިވާ ޒުވާން ކުޅުންތެރިޔާ އާޑާ ގުލާ ވަނީ މޮޅު ކުޅުމެއް ދައްކާ ލެގާނެސް ގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފައެވެ.

ރެއާލް މެޑްރިޑުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޫޑް ބެލިންހަމް އެވެ. ބެލިންހަމް މި ލަނޑު ޖެހުމުގެ ކުރިން ކިލިއަން އެމްބާޕޭ ފޮނުވާލި ނުރައްކާތެރި ހަމަލާ ލެގާނެސްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.