ކާޑުގެ ބާވަތްތައް ބޭރުކުރުމުގައި އިންޑިއާއިން ރާއްޖެއަށް ދީފައިވާ ކޯޓާގައި އުސޫލުން ބޭރުން ލަންކާއަށް ހަކުރު އެތެރެކުރާ މައްސަލައެއް ފެންމަތިވެފައިވީ ނަމަވެސް، ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރުން ހުއްޓުމަކަށް އައިސްފައިނުވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ހާމަކޮށްފިއެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ދީފައިވާ ކޯޓާގައި އެހެން ގައުމަކަށް ކާޑު އެތެރެކުރަމުން އައި މައްސަލައެއް ފެންމަތިވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މި މައްސަލައިގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ކާޑު އެތެރެކުރުމަށް ދަތިތަކެއް ކުރިމަތިވެފައި ނުވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މެނޭޖް ނުކުރެވޭވަރަށް ރައްޔިތުންނަށް ކާޑު ލިބުމުގައި ދަތިއުނދަގޫކަން ތަހައްމަލުކުރަން ޖެހުނަ ނުދޭނޭކަމުގެ ޔަގީންކަން އަރުވަން،"
އެސްޓީއޯގެ އޮފިޝަލް ވިދާޅުވިއެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ދީފައިވާ ކޯޓާއިން ލަންކާއަށް ހަކުރު ބޭރުކުރާ މައްސަލައެއް ފެންމަތިވެ، ކާޑުގެ ބާވަތްތަކުގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް ހަކުރު ބޭރުކުރުން މަޑުޖެހިފައިވެއެވެ. މި މައްސަލަ މިހާރު އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑުގެ ސަމާލުކަމަށް އައިސް، އެކަން ސީރިއަސްކަމާއެކު ބަލަމުންދާ ކަމަށްވެސް އެ މީޑިއާތަކުން ބުނެފައިވެއެވެ.
އެސްޓީއޯގެ އޮފިޝަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން ހުއްޓާލިއިރުވެސް، އެސްޓީއޯއިން ވަނީ ރާއްޖެއަށް ފިޔާ އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި އޭރު އޮތް ފިޔާ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދައިދީފައެވެ.
މި މައްސަލައާ ގުޅިގެން އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!