ޤަވާއިދާއި ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެފައިވާ ސްރީލަންކާގެ ބޯޓެއް ބަލާފާސްކޮށް 468 ކިލޯ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު މީޑިއާތަކަށް ވިދާޅުވީ ހޮނިހިރުގެ ރޭ ދަންވަރު 12:45 ހާއިރު ހދ.މަކުނުދޫ ބޭރުން ސްރީލަންކާއަށް ނިސްބަތްވާ މަސްބޯޓެއް އަތުލައިގަނެފައިވާ ކަމަށެވެ. ގަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދަށް ވަތް މިބޯޓު އަތުލައިގަތީ އެމްއެންޑީއެފުންނެވެ.
ބޯޓު އަތުލައިގަތުމަށްފަހު ރޭ ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ގެންގޮސްފައިވާއިރު، ކުޅުދުއްފުށީ ސިޓީގެ ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓު ގާޑުން އާދީއްތަ ދުވަހުގެ ހެނދުނު ވަނީ ބޯޓު ބަލައި ފާސްކޮށްފައެވެ.
ސީޕީ ޝުޖާޢު ވިދާޅުވިގޮތުގައި ބޯޓު ބަލައި ފާސްކުރިއިރު 468.6 ކިލޯ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި 344 ކިލޯ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ހިމެނޭކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މި ބޯޓުގައި ތިބީ ލަންކާ އަށް ނިސްބަތްވާ ފަސް މީހުން ކަމަށާއި، އެ ފަސްމީހުންނަކީ ވެސް ފިރިހެނުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!