ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް އެހީތެރިވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އިޖުތިމާއީ އެހީތެރިކަން ދިނުމުގައި މަސައްކަތްކުރާ ޖަމިއްޔާ މަމްސް އެއިޑް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ މިއީ އެ ވުޒާރާއިން 'ހާލު ކިހިނެއް؟' އަދި އިޖުތިމާޢީ ބަދަހި މަދަދުވެރިން، "އިބަމަ" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމަށް ހެދޭ އިންޓަވެންޝަން ޕްލޭންތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަމްސް އެއިޑްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށާއި، މައްސަލަތަކާ ގުޅިގެން އަނިޔާލިބޭ ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މެންޑޭޓުގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގައި މަމްސް އެއިޑްގެ ފަރާތުން އެ ވުޒާރާއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާއިރު، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ މަސައްކަތްތަކާއި، ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި ގުޅޭގޮތުން މަމްސް އެއިޑްއިން ކުރާ މަސައްކަތްތަކުގައި އެ ވުޒާރާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ނާޒުކު ހާލަތްތަކުގައި ތިބި ޢާއިލާތަކާއި، ވަކި ފަރުދުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމާއެކު، އެމީހުންނަކީ އަމިއްލަ މަސައްކަތުން އުޅޭނޭ ބަޔަކަށް ހެދުމަށް، މަމްސް އެއިޑްއިން ހިންގާ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތަކުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މަމްސް އެއިޑްއިން ފަހިކޮށްދޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި މަމްސް އެއިޑްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މިފަދަ ޕްރޮގުރާމުތައް އާންމުންގެ މެދުގައި ޕްރޮމޯޓްކުރުމަށްވެސް ހަމަޖެހިފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!