އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަން ކޮމިޝަން (އީސީ)ގެ ހަތަރު މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.
މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފައި ވަނީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ޠާހާ މުޙައްމަދާއި، އީސީގެ ނައިބު ރައީސް ޢަލީ ނަޝާތާއި މެންބަރު މުޙައްމަދު އާސިފާއި، ޑރ. މުޙައްމަދު ޒާހިރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް އަޙްމަދު ނާސިޙް ގެ މައްސަލައެވެ.
މިނިވަން މުވައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. މި ބައްދަލުވުމުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނާސިޙް ފިޔަވައި އަނެއް ދެ ކޮމިޝަނުގެ މައްސަލާގައި ހިމެނޭ މެމްބަރުން ވަކިކުރަން ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
މި ބޭފުޅުން މަގާމުން ވަކިކުރަން ނިންމާފައި ވަނީ އެ ކޮމިޝަންތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފަށް ބައެއް މެންބަރުން އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީއާއި ކޮމިޝަންތަކުގެ މަސްއޫލިއްޔަތުތަކާ ޚިލާފަށް އޭގެ ތެރެއިން ބައެއް މެންބަރުން މަސައްކަތް ކޮށްފައިވާތީ ކުރެވޭ ތުހުމަތުމަތުތަކާއި ގުޅިގެންކަމަށް ބުނެ ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
މި މެމްބަރުން މަގާމުން ވަކިވާނީ ކޮމެޓީގެ ނިންމުން މެމްބަރުންނަށް ފޮނުވުމަށްފަހު، ކޮމެޓީގެ ރިޕޯޓު މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާކޮށް، ކޮމެޓީ ރިޕޯޓު ތަޅުމުގައި އިއްވައި، އެ ރިޕޯޓަށް ބަހުސް ކުރުމަށް މެމްބަރުންނަށް ފުރުސަތު ދިނުމަށްފަހު، ތަޅުމުގައި ނަގާ ވޯޓަކުންނެވެ.
މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީ އެކުލެވިގެން ވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ 9 މެމްބަރުންނާއި، އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރަކާއި އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެމްޕީ)ގެ މެމްބަރެއްގެ މައްޗަށެވެ. މި ކޮމެޓީގެ މުގައްރިރަކީ މާފުށި ދާއިރާގެ ޕީއެންސީ މެމްބަރު ހުސެން ރިޟާ އާދަމެވެ. ނައިބު މުގައްރިރަކީ ކެލާ ދާއިރާގެ މެމްބަރު ޢަބުދުﷲ ޝަރީފް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!