މަޝްހޫރު އީމެއިލް ޕްލެޓްފޯމް ޔަހޫ މެއިލްއަށް އޭއައިގެ ފީޗާތަކާއެކު އައު ބަދަލުތަކެއް ގެނެސްފިއެވެ.
މިދިޔަ ހަފްތާގައި ޔަހޫ ކުންފުނިން ވަނީ އެ ކުންފުނީގެ މެއިލް އެޕްލިކޭޝަން އަލުން ފަރުމާކުރަމުންދާ ކަމަށް އިއުލާނުކޮށްފައެވެ. މި އައު ބަދަލުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އަށް އިސްކަމެއް ދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި އައު އެޕްލިކޭޝަނުގައި މެސެޖުތައް ޚުލާސާކޮށްދިނުމާއި، އީމެއިލް ލިޔުމުގައި އެހީތެރިވެދިނުމާއި، އަދި އީމެއިލްތައް ތަރުތީބުކޮށް ބައިބައިކޮށްދިނުން ފަދަ އައު ޚިދުމަތްތައް ހިމެނެއެވެ.
މީގެ އިތުރުން، މެސެޖިންގ އެޕްތަކާ އެއްގޮތް އިންޓަފޭސްއަކާއި، އެޕް ބޭނުންކުރުން އިތުރަށް ޝައުޤުވެރިކޮށްދޭ ގޭމިފިކޭޝަން ވަސީލަތްތަކެއްވެސް ތަޢާރަފުކޮށްފައިވެއެވެ.
ޔަހޫ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އައު އެޕްލިކޭޝަނުގެ މައިގަނޑު އަމާޒަކީ ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ އިންބޮކްސްގައި ހުންނަ މެސެޖުތައް ބެލެހެއްޓުމަށާއި މުހިންމު މެސެޖުތައް ތަރުތީބުކުރުމަށް އެހީތެރިވެދިނުމެވެ. އޭއައި ގެ ބޭނުންކޮށްގެން އީމެއިލްތަކުގެ އެއް ފޮޅުވަތުގެ ޚުލާސާއެއް ދައްކައިދޭނެ ކަމަށާއި، އަދި އެ ޚުލާސާއާއެކު އެ އީމެއިލްއަށް ޖަވާބުދިނުމަށް ހުށަހަޅާ ޚިޔާލުތަކެއްވެސް ދައްކައިދޭނެ ކަމަށް ބުނެފައިވެއެވެ.
މި ވަގުތު މި އައު އެޕްލިކޭޝަން ލިބެން ހުންނާނީ އެމެރިކާގައި އައި.އޯ.އެސް ޕްލެޓްފޯމުގައި އެކަނި ކަމަށް ޔަހޫ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް މި އައު ބަދަލުތަކުގައި ބޭނުންކޮށްފައިވާ އޭއައި މޮޑެލްތަކުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!