ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ ތިލައުތުރު އަންހެން ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ.
މި މުބާރާތުގެ ކުޅުން މިއަދު (ހުކުރު) މުރައިދޫގައި ފާށާފައިވާއިރު، ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކޮށްފައި ވަނީ މުރައިދޫއާއި އުތީމެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ މުރައިދޫ ޓީމެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 25/11، 25/3، 25/11 އިންނެވެ.
މުބާރާތުގެ ދެވަނަ މެޗު މިރޭ ކުޅެފައިވާއިރު، ދެވަނަ މެޗުގައި ބައްދަލުކުރީ އިހަވަންދޫއާއި ބާރަށެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައިވަނީ އިހަވަންދޫއިންނެވެ. ސެޓްތައް ގެންދިޔައީ 25/7، 25/8، 25/8 އިންނެވެ.
މި މުބާރާތުގައި އަތޮޅުގެ ހަތް ރަށަކުން ވާދަކުރެއެވެ. އެ ރަށްތަކަކީ މުރައިދޫ، އުތީމު، ބާރަށް، އިވަންދޫ، ދިއްދޫ، ކެލާ އަދި ވަށަފަރެވެ.
މި މުބާރާތުގައި މާދަމާ ވެސް ދެ މެޗު ކުޅޭނެއެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިއްދޫއާއި ބާރަށެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވަށަފަރާއި ކެލައެވެ.
މި މުބާރާތުގައި ރެފްރީކަން ކޮށްދެއްވަނީ އޭޝިއަން ވޮލީބޯލް ކޮންފަޑެރޭޝަންގެ ރެފްރީ އާދަމް ސިޔާދު އާއި ގައުމީ ރެފްރީން ކަމުގައިވާ އަބްދުއްރަހީމް ނާޝިދު އާއި އަބްދު ﷲ މުފީދާއި މުހައްމަދު މަޝްއޫދުގެ އިތުރުން އަހްމަދު ރަޝީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!