ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމުމުން މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ނުވަ ގުނަ އިތުުރުކުރެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް އިއްޔެ ވިދާޅުވެއްޖެއެވެ.

އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދެއްވުމަށް މިނިސްޓަރު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ދެއްކެވި ވާހަކާގައި ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ސަރުކާރުން ހާސިލްކުރަން ބޭނުންވާ ޓާގެޓު ހާސިލް ކުރެވުމާއެކު، އެ ކަމުން ލިބޭ އާމްދަނީ ދެތިން ގުނައަށް އިތުރުވާނެއެވެ.

Ad
rt

މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރެވިފައިވާ ކޯލްޑް ސްޓޯރޭޖުތަކާއި ޕްރޮސެސިން ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި ޅ. ފެލިވަރުގެ ޕްރޮސެސިން ފެސިލިޓީއަށް 100 ޓަނު އިތުރުކުރުމުގެ މަސައްކަތާއި، ފ. ނިލަންދޫގެ ޕްރޮސެސިން ފެސިލިޓީއަށް 100 ޓަނު އިތުރުކުރުމުގެ މަސައްކަތާއި އަދި ގދ. ފިޔޯރީގެ ޕްރޮސެސިން ފެސިލިޓީއަށް 100 ޓަނު އިތުރުކުރުމުގެ މަސައްކަތް ކުރާނެކަމަށް ވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ. އަދި މި މަސައްކަތް ނިމުމާއެކު ރާއްޖޭގައި މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ނުވަ ގުނަ އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ އަމާޒަކީ 25،000 ޓަނުގެ ކޯލްޑް ސްޓޯރޭޖު ރާއްޖޭގައި ގާއިމް ކުރުމެވެ. ރާއްޖޭގައި މިހާރު ގާއިމްކުރެވިފައިވާ ކޯލްޑް ސްޓޯރޭޖުގެ ކެޕޭސިޓީއަކީ 8،500 ޓަނެވެ.

މީގެ އިތުރުން ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރުތަކެއް ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކުރަށްވާނެކަމަށް 31 އޮކްޓޯބަރުގައި ރައްޔިތުންގެ މަޖިލީހުގައި ވަޒީރު ވިދާޅުވެފައިވާ ވިދާޅުވުމުގެ ބައެއް ވާހަކަތަކަށް ވެސް ވަޒީރު އިއްޔެ ވަނީ އަލިއަޅުއްވާލައްވާފައެވެ.

މިގޮތުން އުތުރުން ށ. ފުނަދޫގައި މިފަދަ ސެންޓަރެއް ގާއިމު ކުރެއްވުމަށާއި، ދެކުނުން ވެސް ރަށެއް ކަނޑައެޅިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެއްކަމަށާއި، މިއީ ކަނދުފަތިތައް ޤާއިމްކުރުމަށް މިހާރު އެ ވުޒާރާއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމުގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.