ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "މިލައުތުރު ހޭންޑް ބޯޅަ މުބާރާތް 2024" ކުލަގަދަ ރަސްމިއްޔާތަކާއިއެކު ހުކުރު ދުވަހުގެ ރޭ ފަށައިފިއެވެ.
މި މުބާރާތް ރާވާލާފައި ވަނީ ބައވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލުމަށް ފަހު ދެ ރަށެއްގައި މުބާރާތް ކުރިއަށް ގެންދާ ގޮތަށެވެ. މިގޮތުން މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އެ އަތޮޅު ކޮމަންޑޫގައެވެ. ހުކުރު ދުވަހުގެ ރޭ ގިނަ ހަރަކާތްތަކަކާއިއެކު ކުރިއަށް ގެންދިޔަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ހަވާވެސް އަރުވާފައެވެ. ގްރޫޕް ބީގެ ހުރިހާ މެޗެއް ކުޅެނީ ކޮމަންޑޫގައެވެ.
މުބާރާތް ފެށުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ބައްދަލު ކޮށްފައި ވަނީ މިލަންދޫއާއި ކޮމަންޑޫއެވެ. އެ މެޗު 13-9 އިން ކާމިޔާބު ކުރީ މިލަންދޫންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މިލަންދޫ ޓީމްގެ ލަމްޔާއެވެ.
މިލައުތުރު ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ މެޗުގެ ތެރެއިން، ފޮޓޯ: ކޮމަންޑޫ ކައުންސިލް
މުބާރާތުގެ ގްރޫޕް އޭގެ މެޗުތައް ކުޅެނީ އެ އަތޮޅު ފޯކައިދޫގައެވެ. ގްރޫޕް އޭގެ ފުރަތަމަ މެޗުގައި އިއްޔެ ބައްދަލުކުރީ ކަނޑިތީމާއި ގޮއިދޫއެވެ. އެ މެޗު 21-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ ކަނޑިތީމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކަނޑިތީމްގެ ސަމާހާއެވެ. ފޯކައިދޫގައި އިއްޔެ މުބާރާތުގެ މެޗުތައް ފެށިއިރު، ފޯކައިދޫގައި ކުޅުނު ދެ މެޗް ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ކުރީ ސަރުކާރުގެ ނައިބް ރައީސް ފައިސަލް ނަސީމެވެ.
ގްރޫޕް އޭގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކޮށްފައި ވަނީ ބިލެއްފައްސާއި ނޫމަރާއެވެ. އެ މެޗު 29-6 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބިލެއްފަހިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބިލެއްފަހީ ޓީމުގެ ރިޝްފާއެވެ.
އިއްޔެ ގްރޫޕް ބީގައި ފުނަދުއާއި މާއުނގޫދޫ ބައްދަލުކުރި މެޗު 14-11 އިން ކާމިޔާބު ކުރީ ފުނަދޫއިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފުނަދޫ ޓީމްގެ ނަޖްމާއެވެ.
މިއީ ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ފޭދޫއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!