ކައުންސިލްތަކަށް ނިކަމެތިކަން ލިބޭނެކަމެއް ރައީސް ނުކުރައްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމާއި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއްކަމަށެވެ.

Ad
rt

ވަޒީރު ވިދާޅުވިގޮތުގައި، 160 އަށްވުރެ ގިނަ ކައުންސިލްތަކާ ބައްދަލުކުރައްވައި، ކައުންސިލްތަކުގެ އަޑުއެއްސެވި ހަމައެކަނި ރައީސަކީ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި 120 އަށްވުރެ ގިނަ ކައުންސިލް އިދާދާ އިމާރާތް ކުރަށްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކައުންސިލްތަކަށް ނިކަމެތިކަމެއް ލިބޭނެ ކަމެއް ރައީސް ޑރ. މުޢިއްޒު ނުކުރައްވާނެކަމުގެ ޔަޤީންކަން އެބައޮތް،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، 2025 ވަނަ އަހަރުވެސް ޤާނޫނާ އެއްގޮތަށް ކައުންސިލްތަކަށް ބަޖެޓް ލިބޭނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވާތީ، މިކަމަށްޓަކައި ވަޒީރު ރައީސް މުޢިއްޒަށް ޝުކުރު އަދާކުރެއްވިއެވެ.

ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަކީ ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ކަންތައްތަކެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ރައްޔިތުންގެ އެއްބާރުލުން މުހިންމުކަމަށްވެސް އެ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވެފައި މިވަނީ ކައުންސިލްތަކަށް އަންނަ އަހަރަށް ދޭން ބަޖެޓްކޮށްފައިވާ މިންވަރު ކުޑަކަމަށްބުނެ ބައެއް މޭޔަރުންނާއި ބައެއް ކައުންސިލަރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.