500 ރުފިޔާގެ ވަގުނޫޓު ދައުރުވާތީ ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ފަހަކަށްއައިސް އާދައިގެ ކަރުދާހަށް ޕްރިންޓުކޮށްފައި ހުންނަ 500 ރުފިޔާގެ ސައްހަ ނޫން ނޫޓު ދައުރުވަމުންދާކަން އެ އިދާރާއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ވަގު ނޫޓު ދައުރުވާތީ ވިޔަފާރީގެ މުއާމަލާތްތަކާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވެސް، ދިވެހި ރުފިޔާގެ ތަފާތު ނޫޓުތަކުގައި ހުންނަ ސެކިއުރިޓީ ފީޗާސްތައް ހުރިތޯ ބެލުމަށާއި ފައިސާ ޕްރިންޓުކޮށްފައިވާ ކަރުދާހުގެ ކޮލިޓީ ބެލުންފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ފުލުހުން ވަނީ ސައްހަ ނޫން ފައިސާއިން މުއާމަލާތްކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލެއިން ދެމީހަކު ހައްޔަރު ވެސް ކޮށްފައެވެ.
ހައްޔަރު ކޮށްފައި ވަނީ ދެ ދިވެހިންނެވެ. އެ މީހުންނަކީ ތ.ތިމަރަފުށި / ސަލްވާ، ޢާއިޝަތު ޝިޒުނީ (25އ) އާއި ސ. ހިތަދޫ / އަތަމާވިލާ، މަޢުޒޫ މުޙައްމަދު (29އ) އެވެ.
ފުލުހުން ބުނީ މި ދެ މީހުން ހައްޔަރު ކޮށްފައި ވަނީ އެ އިދާރާއަށް މި މަހު 29 ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ ދެމީހުން އަތުން 500 ރުފިޔާގެ ވަގު ނޫޓުގެ 24 ނޫޓު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރު ކުރެވުނު ދެ މީހުންގެ ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!