ފެނަކަ ކޯޕަރޭޝަނުން ކުރިއަށް ގެންދާ، ގޭބީސީތަކަށް ޚާއްސަ އައު ސޯލާ ޕްރޮގްރާމް "މަގޭ ސޯލާ" ޕްރޮގްރާމްގެ ޚިދުމަތަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ފެނައިގެ "މަގޭ ސޯލާ" ޕްރޮގްރާމަކީ، ކަރަންޓު ޚަރަދު ކުޑަކުރުމަށާއި ތިމާވެއްޓާ ރައްޓެހި ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މަޤުސަދުގައި، ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ad
rt

ފެނަކައިން ބުނިގޮތުގައި މިއީ، ފެނަކަ އާއި މޫސުމީ ބަދަލުތަކާ، ތިމާވެށި އަދި ހަކަތައާބެހޭ ވުޒާރާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

އޭޑީބީ ފަންޑުގެ އެހީ ލިބިގެން ހިންގާ މި ޕްރޮގްރާމުގައިި ސޯލާ ޕީވީ ސިސްޓަމް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނީ ފެނަކައިންނެވެ. މިގޮތުން ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ ހުރިހާ ގޭބީސީތަކަށް ހުޅުވާލައިގެން ކުރިއަށްދާ މަގޭސޯލާ ޕްރޮގްރާމްގެ ދަށުން، ދޫކުރުމަށް ހަމަޖެހިފައިވަނީ، 3 ކިލޯ ވޯޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް އާއި 5 ކިލޯ ވޯޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސިސްޓަމްތަކެވެ.

ގޭބީސީތަކަށް ދޫކުރެވޭ ސިސްޓަމްތަކުގެ ސައިޒް ކަނޑައަޅާނީ، ނެޓް މީޓަރިން އުސޫލުގެ ދަށުން އެދި ފެނަކަ ކޯޕަރޭޝަނަށް ހުށައަޅާ ގޭބީސީތައް ސާރވޭ ކުރުމަށް ފަހުގައިކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮގްރާމްގައި ހަރުކޮށްދޭ ސޯލާ ސިސްޓަމްތަކަށް ފައިސާ ދެއްކުމަށް ދެ ގޮތެއް ކަނޑައަޅާފައިވާ އިރު، ފުރަތަމަ ގޮތަކީ، އެއްފަހަރާ ފައިސާ ދައްކާ ޚަލާސްކުރާ އޮޕްޝަނެވެ. ދެވަނަ ގޮތަކީ އިންސްޓޯލްމަންޓް އުސޫލުން 1، 3 ނުވަތަ 5 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭ އޮޕްޝަނެވެ.

މި ޕްރޮގްރާމްގެ ދަށުން ދޫކުރާ ސޯލާގެ އަގުތަކަކީ، 3 ކިލޯވޯޓު ސިސްޓަމެއް 45,000/- ރުފިޔާއަށް އަދި 5 ކިލޯވޯޓު ސިސްޓަމެއް 75,000/- ރުފިޔާއަށެވެ.

ފެނަކައިން ބުނީ، މި ޕްރޮގްރާމުގެ މަޤުސަދަކީ އާއްމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމާއި، ދިވެހިރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރުކުރުން ކަމަށެވެ.

މަގޭސޯލާ ޕްރޮގްރާމަކީ، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށް އެ ފެނަކައިން ވަނީ ބުނެފައެވެ.

މި ޚިދުމަތަށް އެދި ހުށައެޅުމުގެ ފުރުސަތު އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ޚިދުމަތަށް އެދެވޭނީ، މިކަމަށް ޚާއްސަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށެވެ.