ސްމާޓްފޯނުގެ ބާޒާރުގައި އެންމެ މަޤުބޫލު އައިފޯން އުފައްދާ ކުންފުނި އެޕަލް އިން ހޯމަ ދުވަހު އައިއޯއެސް 18.1 ނެރެ، އައިފޯން 16 އަދި އައިފޯން 15 ޕްރޯގައި ބޭނުންކުރެވޭ ގޮތަށް "އެޕަލް އިންޓެލިޖެންސް" ނަމަކަށް ކިޔާ އާޓިފިޝަލް އިންޓެލިޖެންސް ތަޢާރަފުކޮށްފިއެވެ. މީގެ އިތުރުން އައިޕެޑް އަދި މެކް ކޮމްޕިއުޓަރުތަކަށްވެސް އެޕަލް އިންޓެލިޖެންސް ހިމެނޭ ސޮފްޓްވެއަރ އަޕްޑޭޓްތައް ނެރެފައިވެއެވެ.

މި އަޕްޑޭޓަކީ އެޕަލްއަށް ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ މިދިޔަ މަހު ނެރުނު އައިފޯން 16 ސީރީޒްގެ މާކެޓިންގ ކެމްޕެއިން ބިނާވެފައިވަނީ މި ފީޗަރގެ މައްޗަށެވެ. އަދި މިއީ އެޕަލްގެ އޭއައި ސްޓްރެޓެޖީއާ ބެހޭ ގޮތުން ވޯލް ސްޓްރީޓުން އުފައްދާ ސުވާލުތަކަށް އެޕަލްއިން ދޭ ޖަވާބެކެވެ.

Ad
rt

އެޕަލް އިންޓެލިޖެންސްގެ ފުރަތަމަ ވޭވްގައި ހިމެނެނީ ލިޔުންތައް ޕްރޫފްރީޑްކޮށް އަލުން ލިޔުމުގެ ޓޫލްތަކާއި، ފޮޓޯތަކުން އޮބްޖެކްޓްތައް ނައްތާލުމުގެ ފީޗަރ އަދި ނޯޓިފިކޭޝަންތަކުގެ ސްޓެކެއް އެއް މެސެޖަކަށް ޚުލާސާކުރުމުގެ ފީޗަރެވެ. މީގެ އިތުރުން ސިރީއަށްވެސް އިތުރު ކުރިއެރުންތަކެއް ގެނެސްފައިވެއެވެ.

އެޕަލް އިންޓެލިޖެންސް ބޭނުންކުރުމަށް އައިފޯން 15 ޕްރޯ، އައިފޯން 15 ޕްރޯ މެކްސް ނުވަތަ އައިފޯން 16 މޮޑެލްތަކުގެ ތެރެއިން މޮޑެލެއް ބޭނުންވާނެއެވެ. އަދި ސެޓިންގްސް އެޕް މެދުވެރިކޮށް އެޕަލް އިންޓެލިޖެންސްއަށް އެކްސެސް އެދެންޖެހޭނެއެވެ. އޭރުން ވެއިޓްލިސްޓަކަށް ލެވޭނެއެވެ. އެޕަލްއިން ބުނާ ގޮތުގައި ޢާއްމުކޮށް އެކަމަށް އެދޭ ދުވަހު އެ އެކްސެސް ލިބޭނެއެވެ.

އެޕަލް އިންޓެލިޖެންސްގެ އެންމެ ފާހަގަކޮށްލެވޭވޭ ފީޗަރަކީ ނޯޓިފިކޭޝަންތައް ޚުލާސާކުރުމުގެ ޤާބިލުކަމެވެ. މީގެ އިތުރުން ސިރީއަށް ޓެކްސްޓް އިންޓަފޭސްއެއް އިތުރުކޮށްފައިވެއެވެ. އެޕަލްގެ ރައިޓިންގ ޓޫލްސްއަކީވެސް ވަރަށް ބޭނުންތެރި ފީޗަރެކެވެ.

އައިއޯއެސް 18.1 ޑައުންލޯޑްކުރުމަށް، ސެޓިންގްސް > ޖެނެރަލް > ސޮފްޓްވެއަރ އަޕްޑޭޓްއަށް ދާށެވެ. އެޕަލް އިންޓެލިޖެންސް ވެއިޓްލިސްޓަށް ސައިންއަޕްވުމަށް، ސެޓިންގްސް > އެޕަލް އިންޓެލިޖެންސް އެންޑް ސިރީ > ޖޮއިން ދަ އެޕަލް ވެއިޓްލިސްޓްއަށް ދާށެވެ.