މަޝްހޫރު ޓެކްނޮލޮޖީ ވިޔަފާރިވެރިޔާ އެލޮން މަސްކް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕޭނަށް 75 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ.
މި ފައިސާ ހަދިޔާކޮށްފައިވަނީ އެމެރިކާ ޕޮލިޓިކަލް އެކްޝަން ކޮމިޓީ (ޕީއޭސީ) އަށެވެ.
މަސްކް އަމިއްލައަށް ޖުލައި މަހު އުފެއްދި މި ކޮމިޓީގެ މަޤްޞަދަކީ ނޮވެމްބަރު 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ސަރަހައްދުތަކުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ހޯދުމަށް މަސައްކަތްކުރުމެވެ.
މާލިއްޔަތުގައި ޖުމުލަ 246.5 ބިލިއަން ޑޮލަރުގެ މުއްސަނދިކަމެއް ލިބިފައިވާ މަސްކް ވިދާޅުވެފައިވަނީ، ކުރީގެ އިންތިޚާބުތަކުގައި ވެސް ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް، ޖުލައި 13 ވަނަ ދުވަހު ޓްރަމްޕަށް ދިމާވި ހަމަލާގެ ހާދިސާއަށްފަހު، މަސްކް ވަނީ ޓްރަމްޕަށް ހާމަކަން ބޮޑު ގޮތެއްގައި ތާއީދުކުރަން ފަށާފައެވެ.
މި ހަދިޔާއާ ގުޅޭ ގޮތުން އެކްސްގައި ކުރެވުނު ޕޯސްޓަކަށް ޖަވާބު ދެމުން މަސްކް ވަނީ މި ހަދިޔާގެ ޞައްޙަކަން ކަށަވަރުކޮށްދެއްވާފައެވެ. ރޮއިޓަރސް އަދި ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖުލައި އިން ސެޕްޓެމްބަރު މަހާ ހަމައަށް އެމެރިކާ ޕީއޭސީ އަށް ލިބުނު ހަމައެކަނި ހަދިޔާއަކީ މަސްކްގެ މި ހަދިޔާއެވެ.
އެމެރިކާ ޕީއޭސީ ގެ މައިގަނޑު މަސައްކަތަކީ ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުގެ ވޯޓު ހޯދުމަށް ކެމްޕެއިނަރުން ރެކްރޫޓްކޮށް، ޑިޖިޓަލް އިޝްތިހާރުތައް ޝާއިޢުކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!