އިނގިރޭސިވިލާތުގެ ނިއުކާސްލްގައި ހުރި މީހުން ދިރިއުޅޭ ގެއެއްގެ ތެރޭގައި އެއްޗެއްގޮވައި 7 އަހަރުގެ ކުއްޖަކު މަރުވެ އިތުރު ބަޔަކު ޒަޚަމް ވެއްޖެއެވެ.

ނިއުކާސްލްގެ ރަށްވެހި މަގެއްގައި ހުރި ގެއެއްގެ ތެރޭގައި ހިނގި މި ނުރައްކާތެރި ގޮވުމުގައި 7 އަހަރުގެ ކުއްޖަކު މަރުވެފައިވާއިރު، މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށް އިނގިރޭސި ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

Ad
rt

ބެންވެލް އަދި އެލްސްވިކް ސަރަހައްދުގެ ވައިލެޓް ކްލޯޒްގައި ހިނގި މި ހާދިސާއާ ގުޅިގެން 6 މީހަކު ޒަޚަމްތަކާއެކު ހޮސްޕިޓަލަށް ގެންދެވުނެވެ.

ނޯތަމްބްރިއާ ޕޮލިސްގެ ސުޕްރިންޓެންޑެންޓް ޑެރެން އެޑަމްސް ވިދާޅުވި ގޮތުގައި، އެ ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ. އެކުއްޖާ މަރުވީ އެ ހާދިސާ ހިނގި ތަނުގައި ކަމަށާއި، އަދި 6 މީހުން "އެކި ވަރުގެ އަނިޔާތަކާއެކު" ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެސަރަޙައްދުގެ ގިނަ އަދަދެއްގެ މީހުން އެމީހުންގެ ގެތަކުން ނެރެން ޖެހުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހާދިސާ ހިނގި ތަނުގައި ހުންނަވައި ވާހަކަދައްކަވަމުން ސުޕްރިންޓެންޑެންޓް އެޑަމްސް ވިދާޅުވީ، އެހާދިސާގައި ތުއްތު ކުއްޖަކު މަރުވީތީ ވަަރަށްބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. މިއީ ހަގީގަތުގައިވެސް ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށް އޭނާ ވިދާޅުވިއެވެ."

ޑްރޯން ފޮޓޯތަކުން ދައްކާ ގޮތުގައި މަދުވެގެން އެއް ގެ ވަނީ މުޅިން ހަލާކުވެފައެވެ. އެގޭގެ ފުރާޅުތައް ވެއްޓިފައިވާ ތަން ފެނެއެވެ. އަދި ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައެވެ. އެ ގެ ގޮވުމުގެ ތެރޭގައި ބުރައިގެން ދިޔަ ކުނިތައް މަގުމަތީގައި ވެސް ގިނަ އަދަދަކަށް ހުރިތަން ފެނެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވިނަމަވެސް މިއީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް ނުބެލެވޭކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި އެ ސިޓީގެ ފުލުހުން މިކަންއިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.