ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔުޓީއެމް) 2024ގައި ވެސް ރާއްޖެ މާކެޓް ކުރުމަށް އެކުގައި މަސައްކަތްކުރުމަށް ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ޑަބްލިޔުޓީއެމް އިންތިޒާމުކުރާ ފަރާތްކަމުގައިވާ އާރްއެކްސް ގްލޯބަލްއާއެކު އެއްބަސްވުން އައުކޮށްފިއެވެ.
މާޓާޓޯ އިން ވަނީ ޑަބްލިޔުޓީއެމް އިންތިޒާމުކުރާ ފަރާތްކަމުގައިވާ އާރްއެކްސް ގްލޯބަލްއާއެކު ކުރިއަށް އޮތް ޑަބްލިޔުޓީއެމް ލަންޑަން 2024 އަށް، ރަސްމީކޮށް ބައިވެރިވެފައިވާއިރު، މި ބައިވެރިވުމުގެ ސަބަބުން މާޓާޓޯ އަކީ ދިވެހިރާއްޖޭގައި މިފަދަ މުހިންމު ގުޅުމެއް އެފަރާތްތަކާއެކު ޤާއިމުކުރި ހަމައެކަނި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ޖަމްޢިއްޔާ ކަމުގައި ވެގެން ވަނީ ގޮސްފައެވެ.
ދުނިޔޭގެ އެންމެ ބޮޑެތި އަދި އެންމެ ފާހަގަކޮށްލެވޭ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ އެކްސްޕޯތަކުގެ ތެރެއިން އެއް އެކްސްޕޯ ކަމުގައިވާ ޑަބްލިޔު.ޓީ.އެމް ލަންޑަން 2024 އޮންނާނީ މި އަހަރުގެ ނޮވެމްބަރު 5 އިން 7 އަށް އެކްސެލް ލަންޑަންގައެވެ.
5،000 އަށްވުރެ ގިނަ އެގްޒިބިޓަރުންނާއި 51،000 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ ފަތުރުވެރިން ބައިވެރިވާނެކަމަށް ލަފާކުރެވޭ މި އެކްސްޕޯއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ މައިދާނުގައި ދިވެހިރާއްޖޭގެ މަޤާމަށް ބޮޑު ބަދަލެއް ގެނެސްދޭނެ އިވެންޓެއް ކަމަށް ދެކޭކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ.
މިއީ މާޓާޓޯއިން ޑަބްލިޔު.ޓީ.އެމް ލަންޑަނާއެކު މަސައްކަތްކުރުމަށް އެއްބަސްވުން ޤާއިމުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މި ދެ ޖަމްޢިއްޔާއަކީ 2016 ވަނަ އަހަރުން ފެށިގެން ގުޅިގެން މަސައްކަތްކުރަމުންނެވެ. މިފަހަރުގެ ގުޅުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މާޓާޓޯގެ ދިގު މުއްދަތުގެ ލީޑަރޝިޕް ހަރުދަނާކޮށްދޭ ކަމެއްކަމަށް އެ ޖަމިއްޔާއިން ދެކެއެވެ.
ދިވެހިރާއްޖެއަކީ މަތީ ފަންތީގެ އަދި އެޑްވެންޗަރ މަންޒިލެއްގެ ގޮތުގައި ދުނިޔެ ގަބޫލުކުރަމުން ދާއިރު، ޑަބްލިޔު.ޓީ.އެމް ލަންޑަން 2024 އާއެކު މާޓާޓޯގެ މި ޚާއްޞަ ބައިވެރިވުމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހިރާއްޖޭގެ އަހައްމިއްޔަތުކަން އިތުރަށް ފާހަގަކޮށްދޭ ކަމެކެވެ.
މި ބައިވެރިވުން އައިސްފައިވަނީ ވަރަށް މުހިންމު ވަގުތެއްގައިކަން ފާހަަަަގަކޮށްލެވެއެވެ. އެއީ ދިވެހިރާއްޖޭގައި ހުރި މަތީ ފަންތީގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ފެށިގެން އީކޯ-ޓޫރިޒަމް އަދި ސަގާފީ މަންޒިލުތަކާ ހަމައަށް، އަބަދުވެސް ކުރިއަރަމުންދާ ދަތުރުފަތުރުގެ ތަޖުރިބާތައް ދައްކުވައިދިނުމަށް ދިވެހިރާއްޖެ ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
މަޓާޓޯ ވުޖޫދަށް އައީ 2006 ވަނަ އަހަރު އެވެ. އެ ޖަމިއްޔާ އިން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ތަފާތު އެވޯޑުތައް ވެސް އެ ޖަމިއްޔާ އިން ތައާރަފްކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!