ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުވުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރު ކޮށްދިނުމަށް ބީސީސީ އިން މި ވަނީ ވިޔަފާރިތައް ތަރައްގީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ނިންމައި ދަފްތަރުވުމަށް ހުޅުވާލާފައެވެ.
މި ދަފްތަރު އެކުލަވާލުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި އެ ފަރާތްތައް ހަރަކާތްތެރިވާ ވިޔަފާރީގެ ދާއިރާތައް ދެނެގަތުމާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމްކޮށް ދިވެހިރާއްޖޭގެ އިގްތިސާދުގައި އެ ފަރާތްތަކުގެ ދައުރު ފުޅާ ކުރުމުގެ އިތުރުން އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ހަރަކާތްތެރިވާ ދާއިރާތަކާއި ގުޅޭ ދިރާސާތައް ހެދުމާއި ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކޮށް ބެލެހެއްޓުމެވެ.
ބީސީސީ އިން އާންމުކޮށްފައިވާ އުސޫލުގައި ބުނީ އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ކަމަށް މާނަކޮށްފައި އެ ވަނީ ވަޒީފާ އެއްބަސްވުމަކާއި ނުލައި އާމްދަނީ ހޯދުމަށް އިގްތިސާދީ ހަރަކާތެއް އެއްވެސް ފަރުދެއް، ފްރީލާންސަރެއް، އަދި މިނިވަން ކޮންޓްރެކްޓަރުން ހިމެނޭ ދިވެހި ރައްޔިތުންނަށް ކަމަށެވެ.
ދަފްތަރުވާ ފަރާތްތަކުން އަހަރަކު އެއްފަހަރު ކަނޑައެޅިފައިވާ މައުލޫމާތު ފޯމް އަޕްޑޭޓް ކުރަން ޖެހެއެވެ. އަހަރަކު އެއްފަހަރު މައުލޫމާތު އަޕްޑޭޓް ނުކުރާ ފަރާތްތައް "އިންއެކްޓިވް" ވާއިރު، އެ ކަން އީ-މެއިލްގެ ޒަރިއްޔާއިން އަންގާނެ ކަމުގައި އެ އުސޫލުގައި ބުނެފައިވެއެވެ.
ދަފްތަރުގައި ރަޖިސްޓަރީ ވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ބީސީސީ އިން އެދއެވެ.
ލިންކް: https://sepr.bcc.mv/
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!