އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން ޝަހީދުވި މީހުންގެ އަދަދު 1،247 އަށް އަރައިފިއެވެ.

ލުބުނާންގެ ތިމާވެށީގެ ވަޒީރު ނާސިރު ޔާސިން ވިދާޅުވެފައިވާ ގޮތުގައި، އިސްރާއީލުން ލެބަނަނަށް ދޭ ހަމަލާތަކުގައި މިހާތަނަށް 1،247 މީހުން ޝަހީދުވެފައިވާއިރު، މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން 5،278 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އެ ވަޒީރު ވިދާޅުވިއެވެ.

Ad
rt

ބެއިރޫތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ މި ހަމަލާތައް ފެށިފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު 8 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެއީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ފެށި ދުވަހެވެ.

ވަޒީރު އިތުރަށް ވިދާޅުވީ 150،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ފިލާފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. ގިނަ މީހުން ފިލާފައިވަނީ ދެކުނު ލެބަނަނާއި ބެކާ ވެލީ ސަރަހައްދުން ކަމަށާއި، ފިލާފައިވާ މީހުން މިހާރު ތިބީ ލުބުނާންގެ އެކި ސަރަހައްދުތަކުގައި ކަމަށް ވެސް އެ ވަޒީރު ވިދާޅުވިއެވެ. އަދި އެހީތެރިކަން ފޯރުކޮށްދިނުމަށް އަރަބި ޤައުމުތަކުން ތައްޔާރަށް ތިބި ކަމަށް ވެސް ވިދާޅުވިއެވެ.

އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ހޯމަ ދުވަހުން ފެށިގެން އިތުރަށް ގަދަވެފައިވާ ކަމަށް ލުބުނާންގެ ސިއްޙީ އިދާރާތަކުން ބުނެފައިވެއެވެ. މިގޮތުން ހޯމަދުވަހުން ފެށިގެން މިހާތަނަށް 610 އަށްވުރެ ގިނަ މީހުން މަރުވެ، 2،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ބުނެއެވެ.

އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ހިނގަމުންދާ މި ހަނގުރާމައަކީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކާ ގުޅިގެން ފެށިފައިވާ ހަނގުރާމައެކެވެ. ޣައްޒާގެ ހަނގުރާމައިގައި މިހާތަނަށް 41،400 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.