ރާއްޖެއަށް ފައިދާކުރާނެ ކަންކަން ކޮށްދެވޭ ފަރާތްތަކާއި ގިނައިން ބައްދަލުކޮށް އެކުގައި މަސައްކަތްކުރަންޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެވެ.
ރައީސް މުޢިއްޒު، އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް މިއަދު ވަނީ އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފައެވެ.
މި ދަތުރުފުރަށް އަރާވަޑައިގަތުމުގެ ކުރިން ރައީސް ވަނީ މީޑިއާތަކަށް ބަސްދީގަތުމެއް ދެއްވާފައެވެ. މި ބަސްދީގަތުމުގައި ރައީސް ވިދާޅުވީ، މި ދަތުރުފުޅުގައި އދ.ގެ އާންމު މަޖިލީހާ އަދި އެކިއެކި ބައްދަލުވުންތަކުގައި ޤައުމަށް މުހިންމު ކަންކަމުގައި ރާއްޖޭގެ ބަސް އިއްވަވާނެކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަށް ފައިދާކުރަނިވި އެކިއެކި ކަންތައްތައް ކޮށްދެވިދާނެ ފަރާތްތަކާއި ގިނަގިނައިން ބައްދަލުކުރައްވައި އެކުގައި މަސައްކަތް ކުރެވެންޖެހޭކަމަށެވެ.
މިވަގުތު ރާއްޖޭގެ ހާލަތު އޮތްގޮތުންވެސް އދ.އަށް ވަޑައިގެން ރާއްޖޭގެ ފަރާތުން ދައްކަވަންޖެހޭ ވާހަކަތައް ދެއްކެވުމުގެ މުހިންމުކަން ވެސް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޤައުމަށް ވަރަށް ފައިދާހުރި އަދި އޭގެ ނަތީޖާ ކުރިޔަށް އޮތް ތަނުގައި ލިބިގެންދާނެ ދަތުރުފުޅަކަށް ވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަޤުރީރު ކުރައްވަން ހަޖެހިފައިވާއިރު، އދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެއިތުރުން އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ ސަމިޓް އޮފް ދަ ފިއުޗާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ރައީސްގެ މި ދަތުރުފުޅުގައި އެމެރިކާގެ ނިއުޖާރސީީގައި ހުންނަ ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާއި މުޚާތަބުކުރައްވައި ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!