ޖުމްހޫރީމޭވާ ގްރާފްޓް ކުރުމަކީ ފޯދިފައި ހުންނަ، ބަލިތަކުންނާއި ސޫފިން ލިބޭ ގެއްލުން ވީހާވެސް ކުޑަ ގަހެއްގެ ކުރިކޮޅެއް (ސަޔަން އެއް) ކަނޑައިގެން، ފޯދި ހެދެމުންދާ ގަހެއްގެ ގޮތްޕެއްގައި (ރޫޓްސްޓޮކްގައި) ނުވަތަ ނުފޯދި ހުރި ކުޑަ ގަހެއްގެ ގޮއްޕެއްގެ ކޮޅުގައި (ރޫޓްސްޓޮކްގައި) ގުޅުވުމެވެ.

Ad
rt

ފޯދި ހެދެމުންދާ ގަހެއްގެ ގޮތްޕެއްގައި ގްރާފްޓްކޮށްފައި

ގްރާފްޓްކުރުމުގެ ބޭނުމަކީ އަވަހަށް އަދި ގިނައިން މޭވާ އެޅުވުމެވެ. ފޯދިފައި ހުންނަ ގަހެއްގެ ގޮފިތައް ބުރިކޮށްފައި ގްރާފްޓްކުރުމުގެ ބޭނުމަކީ ވެޔޮގަނޑު މުސްކުޅިވެ މަތިވަރު ދަށްވުމުން، ވެޔޮގަނޑު އައުކޮށްލުމެވެ. މިހެން ހެދުމުން އަލުން ކުޑަގަހެއް ނުއިންދައި ފަރުޖައްސައިލެވެއެވެ.

ގްރާފްޓެޑް ރަންގު ޖުމްހޫރިމޭވާ ވެލެއް

މުހިއްމު 3 ކަމެއް

ގްރާފްޓް ކާމިޔާބުވުމަށް މި 3 ކަންތައް ވަރަށް މުހިއްމެވެ.

1. ސަޔަން ނުހިކުން
2. ރޫޓްސްޓޮކް ހެދިހެދި ހުރުން
3. ކެނޑުމުގެ އެއްފަރާތުން ކުޑަމިނުން ތޮއްޓާއި ތޮށި ރީތިކޮށްޖެހި ފައްތަރުވުން

ތަފާތު ވައްތަރުގެ ގްރާފްޓް

ގްރާފްޓް ކުރުމުގައި ތަފާތު ގަސްގަސް ގްރާފްޓްކޮށް އުޅެނީ ތަފާތު ގޮތްތަކަށެވެ. ތަސްވީރުތަކުން އެފެންނަނީ ގްރާފްޓްކުރެވިދާނެ ގޮތްތަކެވެ. ޖުމްހޫރީ މޭވާ ގްރާފްޓްކުރަން އެންމެ ރަނގަޅީ ކްލެފްޓް ކޮށް އަދި ޓަންގް ކޮށެވެ.

ބޭނުންވާ ތަކެތި

- ދުޅަހެޔޮ ރޫޓްސްޓޮކް ގަހެއް

- ދުޅަހެޔޮ ސަޔަން އެއް (އެއް ބާވަތުގެ ގަހަކުން/ 2 ވައްތަރު ކަމުގައި ވިޔަސް އެންމެ ރަނގަޅު)

- ތޫނު ގްރާފްޓިންގ ވަޅިއެއް ނުވަތަ އައު ރޭޒަރު ތިލައެއް

- ގްރާފްޓިންގ ޓޭޕް ނުވަތަ ބަޑިންގ ޓޭޕް (ބަދަލުގައި ސާޓު ނުވަތަ ދެމޭ ޕޮލިތީން ކޮތަޅުކޮޅެއްވެސް ރަނގަޅުވާނެ)

- ޑިސްއިންފެކްޓެންޓް (ވަޅި އަދި ކަތުރު ސްޓިރިލައިޒް ކުރުމަށް)

-ޕްރޫނިންގ ޝިއާރސް (ގަސްކޮށާ އަތުކަތުރެއް)

ހަދަންވީ ގޮތް

ރަނގަޅު ދުވަސްވަރެއް އިޚްތިޔާރުކުރުން

ގްރާފްޓްކުރަން އެންމެ ރަނގަޅީ އުޑުމަތި ބަނަ ފިނިކަން ދެތިން ދުވަހަށް ދިގުދެމިގެންދާ ގަދަ އަވިނުދޭ އަދި ބޯކޮށް ވާރޭ ނުވެހޭ ދުވަސްވަރެއްގައެވެ. ރޫޓްސްޓޮކް އާއި ސަޔަންވެސް ވެސް ރަނގަޅަށް ހެދެމުންދާ ދުވަސްވަރުގައެވެ.

ސަޔަން ހޯދުން

ގްރާފްޓްކުރަން ރަނގަޅު ކުރިއެއް

ސަޔަން ވާންވާނީ އެންމެ ކޮޅުގައި ފަތް ނުކުންނަން ތައްޔާރުވެ ނަމަވެސް ފަތް ފަޅައިނުލާ ހުންނަ ބަލިތަކާއި ކޫޑި ފަދަ ސޫފިން ސަލާމަތްވެފައިވާ ފޯދިފައި ހުންނަ ގަހެއްގެ ކުރިކޮޅަކަށެވެ. ސަޔަން ކަނޑާނީ ގްރާފްޓްކުރަން ވީމައެވެ.

ރޫޓްސްޓޮކް ތައްޔާރުކުރުން

ގްރާފްޓްކުރުމަށް ރޫޓްސްޓޮކް ފަޅައިލަނީ

މިހާރުވެސް ފޯދި ހެދެމުންދާ ވެލެއްގެ ކުރިތައް އައު ކުރަން ގްރާފްޓްކުރާނަމަ މައިގަހުން ގޮފި ވެފައި ހުންނަ ގޮއްޕެއް، މައިގަހުން ފެށިގެން 8 ވަރަކަށް އިންޗި ބެހެއްޓުމަށްފަހު ބުރިކޮށްލާށެވެ. ދެން އޭގެ ކޮޅުން މެދުން ގާތްގަނޑަކަށް 2-3 ސެންޓިމީޓަރު ހުންނަ ވަރަށް ތިރިއަށް ފަޅައިލާށެވެ. (ކްލެފްޓް ގްރާފްޓިންގ)

ސަޔަން ތައްޔާރުކުރުން

ގްރާފްޓްކުރުމަށް ތައްޔާރުކޮށްފައިވާ ސަޔަންއެއް

ސަޔަންގެ ކުރި ބަހައްޓާފައި ކުރިން ފެށިގެން 8 ވަރަކަށް އިންޗިއަށް ބުރިކޮށްލާފައި ފަތްތަކުގެ ތަނޑި އެއްކޮށް ނުދާވަރަށް ފަތްތައް ކަތުރުން ވަކިކޮށްލާށެވެ. ސަޔަންގައި މަދުވެގެން އެކެއް ނުވަތަ ދެ ފަތްވަޅު ހުންނަކަން ޔަގީންކުރާށެވެ. ރޫޓްސްޓޮކްގައި ހަދާފައިވާ ކްލެފްޓްގެ ސައިޒުގެ ފުންމިނާ އެއްވަރަށް ވީ އަކުރެއްގެ ބައްޓަމަށް ސަޔަންގެ ބުޑު ކަނޑާށެވެ.

ސަޔަން ފައްތަރުކުރުން

ސަޔަން، ރޫޓްސްޓޮކަށް ޖަހަނީ

ސަޔަން އަދި ރޫޓްސްޓޮކްގެ ކެމްބިއަމް ފަށަލަތައް (ފެހިކުލައިގެ އެތެރޭގެ ފަށަލަތައް) އެއްވަރަކަށް ހުރިތޯ ޔަޤީންކޮށް، ރޫޓްސްޓޮކްގެ ކޮޅުން ކެނޑި ވީ ގެ ތެރެއަށް ފަރުވާތެރިކަމާއެކު ސަޔަން ލައްވައި ހިފަހައްޓާލާށެވެ.

ގްރާފްޓް ރައްކާތެރިކުރުން

ގްރާފްޓްކުރި ހިސާބުގައި ސާޓުފަށެއް އޮޅާފައި އައްސައިލަނީ

ގްރާފްޓްކުރި ހިސާބުގައި ގްރާފްޓް ޓޭޕް ނުވަތަ ބަޑިންގ ޓޭޕް ވަރުގަދައަށް އޮޅައިލާ، ޓޭޕްފަށުގެ ކޮޅު ދަމައިލާ ސަޔަން ޖައްސާފައި ބަހައްޓައިގެން މަޅިއެއް ޖަހައި ހަރުލައްވާލާށެވެ. މީގެ ބޭނުމަކީ ފައްތަރުވި ހިސާބުގައި ތެތްކަން ހިފެހެއްޓުމާއިއިންފެކްޝަން އިން ރައްކާތެރިކުރުމެވެ. ޖުމްހޫރީ މޭވާ ގަހުގެ ގޮތުން ޓޭޕް އޮޅާލާފައި ސަޔަންވެސް ރައްކާތެރިކޮށްލުން މުހިއްމެވެ.

ރޫޓްސްޓޮކް ބެލެހެއްޓުން

މިގެނެސްދެވުނު ގޮތުން ރޫޓްސްޓޮކަކީ މައިގަހުގެ ގޮތްޕެކެވެ. ގްރާފްޓްގެ ޓޭޕް ނައްޓައިލުމާ ހަމައަށް އެ ރޫޓްސްޓޮކުން އެއްވެސް އިތުރު ކުރިއެއް ހެދުނަނުދޭށެވެ. އޭރުން ސަޔަން ގުޅުމަށް ހުރަސްއެޅޭނެއެވެ.

ޓޭޕް ނެއްޓުން

ގްރާފްޓްގައި އޮޅައިލި ޓޭޕް/ސާޓުފަށް ނައްޓާލާފައި/ކާމިޔާބު ގްރާފްޓެއް

2 ނުވަތަ 3 ހަފުތާ ފަހުން ގްރާފްޓް ބަލައިލާށެވެ. ސަޔަންގެ ރޯކަން ހުރިތޯއާއި ހެދޭ ފާޑު ހުރިނަމަ ފަރުވާތެރިކަމާއެކު ޓޭޕް ނިއުޅަމުން ނައްޓައިލާށެވެ. ސަޔަން ހިކިފައި ވާނަމަ ގްރާފްޓް ނާކާމިޔާބު ވީއެވެ. ނަމަވެސް އެހުރިގޮތަށް އިތުރު 2 ހަފުތާ ދުވަހު ބެހެއްޓުމަށްފަހު ކާމިޔާބުވިތޯ ބެލިދާނެއެވެ.

މިގެނެސްދެވުނީ ޖުމްހޫރީމޭވާ ވެލެއް ދިގުމުއްދަތަށް ހައްދައި އޭގެން އެންމެ ބޮޑު ނަފާއެއް ހޯދުމަށް ގްރާފްޓްކުރާނޭ ގޮތެވެ. ވެޔޮގަނޑަށް ދުވަސްވެ މުސްކުޅިވާ ގޮފިތައް(ކުރިތައް) މިގޮތަށް ގްރާފްޓްކުރަމުން ގެންދިޔުމުން އަބަދުވެސް ދަނޑުގައި ހުންނާނީ މައިގަހުގެ ހަމަ އެއް ބުޑުތަކެކެވެ. އެ ބުޑުތައް ވަރުގަދަވެ ވެޔޮގަނޑު އޮންނާނީ އަބަދުވެސް ޞިއްހަތު ރަނގަޅުކޮށެވެ. އަލުން ގަސް ފަޅުވައިގެން އެ ގަސްތައް ހައްދަން ދާ މުއްދަތާއި ކާނާއަށް ކުރަންޖެހޭ ހޭދަ ކުޑަވެ ގިނައިން މޭވާވެސް ލިބޭނެއެވެ. ނަމަވެސް މިގޮތަށް ޖުމްހޫރީމޭވާ ހައްދާ މީހުން އަދިވެސް ވަރަށް މަދެވެ.