ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ފަށަން މިހާރު ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށާއި، އެދުވަހުވެސް ކަސްޓަމަރުން ލިބޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހް މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ވަޖީހް ވިދާޅުވީ، ބަންކަރިން ޚިދުމަތް ފަށަން ހުރިހާ ތައްޔާރީތަކެއްވެ މިހާރު އޮތީ އެ ޚިދުމަތް ފަށަން ވެފައި ކަމަށެވެ.

Ad
rt

''ކޮންމެވެސް ސަބަބަކާހުރެ ލަސްވި ވާހަކަ ވެސް ބަޔަކު ދައްކާ، އެހެންނަމަވެސް އަޅުގަނޑުމެންގެ ޕްލޭންތަކާއެއްގޮތަށް ކުރިއަށް ގޮސް މިހާރު ވަނީ އެކަމަށް ތައްޔާރުވެ ނިމިފައި، ޕްލޭންގައި އޮތް ގޮތުންނަމަ މި މަހުގެ 19 ވަނަ ދުވަހު ބަންކަރިންގެ ޚިދުމަތް ފެށޭނެ،'' ވަޖީހް ވިދާޅުވިއެވެ.

ވަޖީހް ވަނީ މި މަސައްކަތަށް ބޭނުންވާ ބޯޓުތައް ވެސް މިހާރު ކުޅުދުއްފުށީގައި ބަނދަރުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

ވަޖީހް ވިދާޅުވީ، ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި އޭގެކުރިން ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އޭގެ ތެރެއިން އިންޓަނޭޝަނަލް ގޭޓްވޭއެއްގެ އިތުރުން އެތަނުގައި ވަކިކަހަލަ ކަންތައްތަކެއް ހަމަޖައްސަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މިގޮތުން ހއ. އުލިގަމުގައި މިހާރު ވަނީ އައިއެސްޕީއެސް ނަމުގައި ގޭޓްވޭއެއް ހާއްސަކޮށްފައި ކަމަށާއި، އެތަނުގައި އެމްއެންޑީއެފް، އިމިގްރޭޝަން، ޕޯޓްހެލްތް އަދި ކަސްޓަމްސް އިން މަސައްކަތްކުރާނެކަމަށް ވަޖީހް ވިދާޅުވިއެވެ.

''މިހާރު ހުރީ މަސައްކަތްކުރެވޭނެ ހުރިހާ ޖާގައެއް ތައްޔާރުކޮށް، ވަޒީފާއަށް މީހުން ނަގައި ވަނީ ރެޑީވެފައި، ދެން އޮތީ މަސައްކަތް ފެށުން، މިހާރު ޕްލޭންކޮށްފައި އޮތީ މިމަހުގެ 19 ވަނަ ދުވަހު މި ޚިދުމަތްފަށަން، މި ޚިދުމަތް ފަށާދުވަހު އަޅުގަނޑުމެންނަށް ކަސްޓަމަރުން ވެސް ލިބޭނެ،'' ވަޖީހް ވިދާޅުވެފަވެއެވެ.

ވަޖީހް ވަނީ މިޚިދުމަތް ދޭއިރު އެމްޕީއެލްގެ ދައުރުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފައެވެ. މިގޮތުން އެކަމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓްގެ ޒަރީއާއިން އެމްޕީއެލުން ދޭނެ 14 ޚިދުމަތެއް މިހާރު އަންގައިދީފައިވާނެކަމަށް ވަޖީހް ވިދާޅުވިއެވެ. އަދި 24 ގަޑިއިރުގެ ކޯލްސެންޓަރެއް ވާނީ ގާއިމުކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ހިންގަނީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިސްވެ އޮވެއެވެ.