ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ޢައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފުގެ ނަންފުޅު، ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް މިރޭ ފޮނުވައިފިއެވެ.
މި ދުވަސްވަރަކީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރުކަމުން، މިރޭ ވަނީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާފައެވެ.
ރޭ ބޭއްވި މަޖިލީހުގެ ޖަލްސާއަކީ މަޖިލީހުގެ 50 މެންބަރަކު ސޮއިކުރަށްވައި، ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން އެދިވަޑައިގަތުމުން މަޖިލީހުގެ ގަވާއިދުގެ ދަށުން ބޭއްވި ޖަލްސާއެކެވެ.
މި ޖަލްސާގައި އޮތީ ޕީޖީއަކަށް ޢައްޔަނުކުރުމަށް ރައީސް ފޮނުއްވި ނަންފުޅު ތަޅުމުގައި އިއްވައި، ކޮމެޓީއަށް ފޮނުވުމާއި، ކުންފުނިތަކާބެހޭ ޤާނޫނަށް އިސްލާހް ގެނައުމަށް ހުށަހަޅާފައިވާ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމެވެ.
ޕީޖީގެ މައްސަލަ ނިންމުމަށް މިރޭ 21:30 ގައި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ވަނީ ފަށާފައެވެ.
ޕީޖީގެ ނަން ފާސްކުރަން ދައުރުން ބޭރުގެ އިތުރު ޖަލްސާއެެއް އަންނަ ހޯމަ ދުވަހު ބާއްވާނެކަމަށް މަޖިލީހުގެ ރިޔާސަތުން މިރޭ ވަނީ ޢިއުލާންކޮށްފައެވެ.
ޕީޖީ މަގާމު ހުސްވެފައިވަނީ އެ މަގާމު ކުރިން ހުންނެވި ހުސެއިން ޝަމީމް 22 އޯގަސްޓް 2024 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!