ޒަމާނުއްސުރެ ދިވެހިންނަކީ މުރާލި ހީވާގި މަސައްކަތްތެރި ބައެކެވެ. މިއަދުވެސް ކަންއޮތީ ހަމަ އެގޮތުގައެވެ. އެކަމަކު މިކަމާ ދެބަސްވާނެ މީހުން ވެސް މިއަދު ތިބޭނެކަން ޔަޤީނެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ.

ބައެއް މީހުންނަކީ ކުރާކަމެއް ސީދާ އެމީހާގެ އަތުން ނޫނީ ނުކުރާ މީހުންނެވެ. އަނެއްބައި މީހުންނަކީ ކަން ފަސޭހައަކަށް ކޮންމެވެސް އެހެން މީހަކަށް އުޖޫރަ ދީގެން އެކަމެއް ކޮށްލާ މީހުންނެވެ. މިއަދު މި މިޖުތަމަޢުގައި ގިނައީ މިބުނާ ކަންފަސޭހަކޮށްލާ ޒާތުގެ މީހުންނެވެ.

Ad
rt

މިސާލަކަށް ބަލާލަމާތޯއެވެ. މަދު ގެއެއްގަ ނޫނީ ފަހާފޮށި ހުރެއެވެ. އަދި ފަހާ ކޯސް ހަދާފައިވާ މީހުންތިބި ގެތައްވެސް މަދެއް ނޫނެވެ. އެހެނަސް ފަޓްލޫނެއްގެ ފައިކުރި ޖަހާލަން ވެސް ދާނީ ކޮންމެވެސް ފަހާތަނަކަށެވެ. ކޯސްތައް ހަދައިގެން ކޭކް އަަޅަން ދަސްކޮށްފައިވާ ފަރާތްތަށް ވެސް މަދެއް ނޫނެވެ. އެކަމަކު އަމިއްލަ ބޭނުމަށް ކޭކެއް އަޅަން ޖެހުނަސް ކަން ފަސޭހަ ކޮށްލާފައި ބޮޑު އަގު ދީފައި އެ ޚިދުމަތްދޭ ތަނަކުން ކޭކް އަޅަނީ ކިތައް ކިތައް މީހުން ހެއްޔެވެ؟

ދަރިފުޅު ސްކޫލަށް ގެންދާ ފޮތްބައިގައި ރަބަރު ލެއްވުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. އެކަމަކު ކަން ފަސޭހައަކަށް ކޮންމެވެސް މީހަކަށް އަގުދީގެން އެކަން ކުރަނީ ކިތައް ކިތައް މީހުން ހެއްޔެވެ؟ މިހެން ގޮސް ކިޔާ ކޮޅުން ލާކަށް ނެތެވެ. ކަން ފަސޭހަ ކޮށްލާފައި ގޭތެރެ ފެންފޮތި ލުމާއި އަމިއްލަ ސައިކަލް ވެސް ސާފުކުރަނީ ކޮންމެވެސް މީހަކަށް އަގުދީގެނެވެ.

ފަސޭހަ ގޮތް ފަސޭހައެވެ. ކަން ވެސް ފަސޭހައެވެ. އެކަމަކު މުސްތަޤްބަލްގައި އެއިން ނުކުންނާނެ ނަތީޖާއަށް ވިސްނާލީ ކިތައް މީހުންބާވައެވެ. ޤައުމުގެ މުސްތަޤްބަލް ކަމުގައިވާ މިއަދުގެ ޅަދަރިން މާދަމާގެ ޅަޒުވާން ޖީލަށް އެއިން ކުރާނެ އަސަރާއި މެދު ވިސްނާލީ ކިތައް މީހުން ހެއްޔެވެ؟

މި މުޖުތަމަޢު ކަން ފަސޭހަ މުޖުތަމަޢު އަކުން ކޮންމެ ގޮތެއް ވަރިހަމަ މުޖުތަމަޢު އަކަށް ބަދަލްވެގެން ހިނގައިދާނެ ކަމާއި މެދު ވިސްނާލީ ކިތައް ކިތައް މީހުން ހެއްޔެވެ؟ ދެބަހެއް ނުވަމެވެ. ދިވެހިން ކަންނެތެއް ނޫނެވެ. އެކަމަކު ދިވެހިން ކަން ފަސޭހައީއެވެ. މިއަދު ކަން ފަސޭހަ ކޮށްލައިފި ނަމަ މާދަމާ އެކަމުން ތުރާލަކާ ކުރިމަތިލާން ޖެހުމަކީ ނުވެ ނުދާނޭ ކަމެއްކަން ޔަޤީނާ ގާތަށް އެނގެއެވެ.