ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ، ގްރޫޕް ދެއެއްގައި ފްރާންސާއި ބެލްޖިއަމް ބައްދަލުކުރި މެޗު ފްރާންސުން ކާމިޔާބު ކޮށްފިއެވެ. ފްރާންސްގެ ލިޔޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
ނޭޝަންސް ލީގުގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި އިޓަލީ އަތުން ވީ ބައްޔެވެ. ފްރާންސުން ރޭ ނަތީޖާ ނެރުން މުހިންމު މެޗަށް ނުކުތްއިރު އެ ޓީމްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ފުރަތަމަ އެގާރާގައި ހިމަނާފައި ނުވުމެވެ. ކޯޗު ޑިޝޯމްޕް ރޭ މެޗުގައި އެމްބާޕޭގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ދިނީ ޑެމްބެލޭއަށެވެ.
މެޗު ފަށައިގެން ބެލްޖިއަމުން ރަނގަޅު ކުޅުމެއް ދެއްކިއެވެ. ނަމަވެސް މެޗު ކުރިއަށް ދިޔަ ވަރަކަށް ފްރާންސުން ދިޔައީ ގޭމް ތެރެއަށް ވަދެ ޑޮމިނޭޓް ކުރަން މަސައްކަތް ކޮށްފައެވެ. މިގޮތުން އެ ޓީމްގެ ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި ޖަހައދިނީ ކޯލޯ މުއާނީއެވެ. ދެވަނަ ލަނޑު 57 ވަނަ މިނެޓުގައި ކަންޓޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޑެމްބެލޭއެވެ.
ރޭ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެމްބާޕޭ ވަނީ ކުޅެން ނުކުމެފައެވެ. އެމްބާޕޭގެ ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެން ދިޔަ ނަމަވެސް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.
މި ގްރޫޕްގައި ރޭ އިޓަލީން ވަނީ 2-1 ގެ ނަތީޖާއިން އިޒްރޭލު ބަލިކޮށްފައެވެ. މި މެޗުގައި އިޓަލީއަށް ލަނޑު ޖަހައިދިނީ ފްރަޓޭސީއާއި ކީން އެވެ. އިޒްރޭލުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަބޫ ފާނީއެވެ.
ކުޅުނު ދެ މެޗުން މޮޅުވެ މި ގްރޫޕް އެއްވަނާގައި ހަ ޕޮއިންޓާއިއެކު އޮތީ އިޓަލީއެވެ. ދެވަނާގައި އޮތް ފްރާންސާއި ތިންވަނާގައި އޮތް ބެލްޖިއަމަށް ދެ މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!