އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ މަސްރޭހުގެ ތެރެއިން ނައިފަރު މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ހުސްބުޅި ހޯދައިފިއެވެ.

އުރީދޫގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ވަނީ މަސްރޭސް ބާއްވާފައެވެ.

Ad
rt

މިގޮތުން ނައިފަރު މަސްރޭސް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ އެވެ. ނައިފަރު މަސްރޭހުގައި 18 ޓީމަކުން ވާދަކުރިއިރު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ބޮޑެތި ގިނަ އިނާމްތަކެއް ދީފައެވެ.

މި މަސްރޭހުގައި ޗެމްޕިއަން ޓީމަކަށް ހުސްބުޅި ހޮވުނުއިރު، ދެވަނަ ޓީމަކަށް ހޮވުނީ ޗިލް ބްރޯޒް އެވެ. އަދި ތިންވަނަ ޓީމަކަށް ޓީމަކަށް ހޮވުނީ ކޮރަކަށްޔެވެ.

އެންމެ ބަރު މަސް ބާނައިގެން ވަނަ ހާސިލްކުރީ ޓީމު އަލިފަސްގެ މުހައްމަދު ނަޝީދު އެވެ. އޭނާ ބާނާފައި ވަނީ 9.4 ކިލޯގެ މުޑަހަންޖެކެވެ. އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ޗިލް ބްރޯޒްގެ އަލީ އަބްދު ހޮވުނީ 24 މަސް ބާނައިގެންނެެވެ. އަދި އެންމެ މޮޅު އަންހެން ކެޔޮޅަކަށް ހޮވުނީ 15 މަސް ބާނައިގެން ޓީމު ކޮރަކަލީގެ ޖަވާދާ އަހްމަދުއެވެ.

އުރީދޫގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވަން ތާވަލުކޮށްފައިވާ މަސްރޭހުގެ ތެރެއިން ހިންމަފުށީގައި ބޭއްވި މަސްރޭސް ކާމިޔާބުކޮށްފައިވަނީ ސިފްކޯ ޓީމުންނެވެ. އަދި ތިނަދޫ ސިޓީގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބްލެކް އޭންޓް ފިޝިންގ އިންނެވެ.

އުރީދޫ މަސްރޭހަކީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ. މި ހަރަކާތް އެންމެ ފުރަތަމަ ހަމައެކަނި މާލެއަށް އަމާޒުކޮށްގެން ބޭއްވި ނަމަވެސް، އަތޮޅުތެރެއަށްވެސް ހުޅުވާލުމުން ކޮންމެ އަހަރަކުވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.