ނިޔަފަތި ކެނޑުމަކީ އިސްލާމްދީނުގައި ވަރަށް އަހައްމިއްޔަތުކަން ދެވިފައިވާ ކަމެކެވެ. މިކަމަކީ ފިޠުރަތުގެ ތެރެއިން ވާ ކަމެއްކަން ނަބަވީ އިރުޝާދުތަކުން އެނގެއެވެ. މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
'' الْفِطْرَةُ خَمْسٌ الِاخْتِتَانُ وَالِاسْتِحْدَادُ وَقَصُّ الشَّارِبِ وَتَقْلِيمُ الْأَظْفَارِ وَنَتْفُ الْإِبِطِ''
"ފިޠުރަތުގެ ތެރެއިންވާ ފަސްކަމެއް ވެއެވެ. އެއީ: ޚިތާނުކުރުމާއި، ޢައުރައިގެ ވަށައިގެންވާ އިސްތަށި ބޭލުމާއި، މަތިމަސް ކޮށުމާއި، ނިޔަފަތި ކެނޑުމާއި، ކިހިލިފަތުގެ އިސްތަށި ވަކިކުރުމެވެ." (މުސްލިމް)
ނިޔަފަތި ކެނޑުމާ ގުޅޭގޮތުން ބައެއް މުހިންމު ނުކުތާތައް:
1. ވަގުތު: ބައެއް ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ހުކުރު ދުވަހު މެންދުރުކުރިން ނިޔަފަތި ކެނޑުމަކީ މުސްތަޙައްބު ކަމެކެވެ. މިއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުކުރު ދުވަހު ނިޔަފަތި ކެނޑުއްވުމަށް ލޯބިކުރެއްވި ކަމަށް އައިސްފައިވާ ރިވާޔަތަކަށް ބިނާކޮށެވެ.
މިޙަދީޘް އަކީ ޟަޢީފު ޙަދީޘެއްނަމަވެސް މި ޙަދީޘަށް ބާރު އަޅާ އެހެން ރިވާޔަތް ވެސް އައިސްފައިވާތީއެވެ.
2. މުއްދަތު: ނިޔަފަތި ނުކަނޑާ 40 ދުވަހަށްވުރެ އިތުރުކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. މާތްﷲ ރުއްސުންލެއްވި އަނަސްގެފާނުގެ ރިވާޔަތެއްގައި ވާގޮތުން، މަތިމަސް ކުރުކުރުމާއި، ނިޔަފަތި ކެނޑުމާއި، ކިހިލިފަތިން އިސްތަށި ވަކިކުރުމާއި، ޢާނަތު ބޭލުން ފަދަ ކަންކަން 40 ރެއަށްވުރެ އިތުރު ނުކުރުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވެއެވެ.
މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނު ވިދާޅުވިއެވެ.'' وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الْأَظْفَارِ وَنَتْفِ الْإِبِطِ وَحَلْقِ الْعَانَةِ أَنْ لَا نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً'' ( مسلم )
"މަތިމަސް ކުރުކުރުމާއި، ނިޔަފަތި ކެނޑުމާއި، ކހިލިފަތިން އިސްތަށި ވަކި ކުރުމާއި،ޢާނަތު ( ލަދުވެތި ގުނަވަން) ބޭލުމާއި، ( މިކަންކަން ނުކޮށް) ސާޅިސް ރެއަށްވުރެ އިތުރު ނުކުރުމަށް އަހަރެމެންނަށް އެންގެވިގެން ވެއެވެ. ( އެބަހީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ އަންގަވާފައި ވެއެވެ.)" ( މުސްލިމް)
3. ތަރުތީބު: ނިޔަފަތި ކެނޑުމުގެ ވަކި ތަރުތީބެއް ޞައްޙަވެގެން އައިސްފައެއް ނުވެއެވެ. ނަމަވެސް، ކަނާތް އިސްކުރުން މުސްތަޙައްބު ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. މިއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަރަފުވެރި ކޮންމެ ކަމެއްގައި ކަނާތް އިސްކުރެއްވުމުގެ އުޞޫލަށް ބިނާކޮށެވެ.
އިސްލާމްދީނުގައި ނިޔަފަތި ކެނޑުމަކީ ފިޠުރަތުގެ ތެރެއިން ވާ މުހިންމު ކަމެކެވެ. މިކަމުގައި ވަކި ތަފްޞީލީ އުޞޫލުތަކެއް ކަނޑައެޅިފައި ނެތްނަމަވެސް، ބައެއް މުހިންމު އިރުޝާދުތައް ނަބަވީ ޙަދީޘްތަކުން އެނގެން އެބަހުއްޓެވެ. ނިޔަފަތި 40 ދުވަހަށްވުރެ ދިގު މުއްދަތަކަށް ދިގުނުކޮށް، މުންތަޒަމުކޮށް ކަނޑަމުން ގެންދިއުމަކީ މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.
މިކަމުގައި ވެސް އެހެން ހުރިހާ ކަމެއްގައި ފަދައިން ކަނާތް އިސްކުރުމަކީ މުސްތަޙައްބު ކަމެކެވެ. މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ މުސްލިމެއްގެ ހަށިގަނޑުގެ ޠާހިރުކަމާއި ސާފުތާހިރުކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. ވީމާ، ކޮންމެ މުސްލިމަކުވެސް މިފަދަ ކަންކަމަށް އަހަންމިއްޔަތުކަން ދީ، އިސްލާމްދީނުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް މަސައްކަތް ކުރަންވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!