ކޮންމެ ހުކުރު ދުވަހެއްގެ އިޝާ ނަމާދަށްފަހު ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުން ބާއްވަން ނިންމައިފި އެވެ.

މިކަން އިޢުލާންކުރައްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިއީ ޤުރުއާން ކިޔަވަން ލޯބި ޖެއްސުމާއި ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ފައްޓަވާ ކަމެއް ކަމަށެވެ. މި ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ad
rt

މީގެ އިތުރުން މި ތިލާވަތު މަޙްފިލުގައި ޒުވާން ކުޅަދާނަ ޤާރީން ފެނިގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކީރިތި ޤުރުއާނުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް ޚާއްޞަ އާ އިމާރާތެއް ހުޅުމާލޭގައި ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

މި ބައްދަލުވުން ބޭއްވުމަށް ނިންމުމާއެކު، ރާއްޖޭގައި ޤުރުއާން ކިޔެވުމުގެ ފަންނު އިތުރަށް ކުރިއަރައި، ޒުވާނުންގެ މެދުގައި ޤުރުއާނަށް ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.