ހަނގުރާމައިގެ ތެރޭގައި ވެސް ޣައްޒާގެ އިންޖިނިއަރަކު އިރުގެ އަލިން ލޮނުފެން ބޯފެނަށް ބަދަލުކުރުމުގެ އާ އިޖާދެއް ކޮށްފިއެވެ.

ހަނގުރާމައިގެ ވޭނުގައި އޮތް ޣައްޒާގައި ކޮންމެ ފެން ފޮދެއް ވެސް އެއީ ވަރަށް މުހިންމު އެއްޗެކަށްވާއިރު، ޢުމުރުން 50 އަހަރުގެ ދަނޑުވެރިކަމުގެ އިންޖިނިއަރެއް ކަމަށްވާ އިނާސް އަލްޣުލް ވަނީ އިރުގެ އަލިން ލޮނުފެން ބޯފެނަށް ބަދަލުކުރެވޭ ގޮތެއް ހޯދައިފައެވެ.

Ad
rt

ޣައްޒާއަށް ވަންނަ މަދު އެހީގެ ތެރެއިން ލިބޭ ލަކުޑި ބޭނުންކޮށްގެންނާއި ހަނގުރާމައިގެ ސަބަބުން ހުސްވެފައިވާ ގޭގެއިން ލިބޭ ބިއްލޫރި ބޭނުންކޮށްގެން އޭނާ ވަނީ ބިއްލޫރި ޖަހާފައިވާ ތަށްޓެއް ހަދާފައެވެ. މި ތަށީގައި ލޮނުފެން އަޅައި، ބިއްލޫރިން ލިބޭ ހޫނުކަމުގައި އެ ފެން އާތްވަށްވެ، ލޮނު ވަކިވެގެން ދެއެވެ.

އޭގެ ފަހުން އާތްވަށްވެފައިވާ ފެން ދިގު ކަޅު ހޮޅިއަކުން އެހެން ތަށްޓަކަށް ގެންދެއެވެ. އެ ތަށީގައި ހުންނަނީ އެކްޓިވޭޓެޑް ޗާކޯލް އަޅާފައެވެ. މިގޮތުން ފެނުގައި ހުރި އިތުރު ނަޖިސްތައް ވެސް ސާފުވެގެން ދެއެވެ.

ޚާން ޔޫނިސްގައި ހުރި އޭނާގެ ގޭގައި އަމިއްލައަށް ތައްޔާރުކޮށްފައިވާ ކުޑަޕްލާންޓުން ސާފުކޮށްފައިވާ ފެން ބޯލަމުން އިނާސް ބުނީ މިއީ ވަރަށް ފަސޭހައިން ބޭނުންކުރެވޭ އަދި ހެދޭނެ އާލާތެއް ކަމަށެވެ.

އިސްރާއީލްގެ އުދުވާނަށް 10 މަހަށްވުރެ ގިނަދުވަސް ވެފައިވާއިރު، މުޅި ޣައްޒާވަނީ ސުންނާފަތިވެފައެވެ. ސާފު ބޯފެނާ ބޭސްފަރުވާ ލިބުމުގެ ނިޒާމްތައް ވަނީ ބަންދުކޮށްލާފައެވެ.