ބުޅާމަހުގެ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ރަސްމީ ނޯޓިހެއް ނެރެފިއެވެ.
މި ނޯޓިހުގައި ވަނީ، ފަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވުމަށް އަންގާފައެވެ. މީނާ އުޅޭ ތަނަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އިމިގްރޭޝަނުގެ ނަންބަރު 9199017 އަށް ގުޅައިގެން ނުވަތަ، risk@immigration.gov.mv އަށް މެއިލްކޮށް، އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
އަރަފާތު ހުސައިނަކީ އާންމުންގެ ފަރާތުން ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ފަރާތެކެވެ. މިގޮތުން، މާލެ ސަރަހައްދުގައި ބުޅާ ބެލެހެއްޓުމުގެ މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމުގައިވާ ފެލައިން ވެލްފެއަރ އޯގަނައިޒޭޝަނުންވެސް ވަނީ އަރަފާތުގެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެ ޖަމްޢިއްޔާއިން ވަނީ އަރަފާތު ބުޅާ ހިފައި، ކަތިލުމަށްފަހު އޭގެ މަސް ކައްކައި އަދި ވިއްކާކަމުގެ ތުހުމަތު ކޮށްފައެވެ.
މި މައްސަލަ މިހާ ސީރިއަސްވެފައިވަނިކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ ބިލެއް ވަނީ ތަސްދީގުކުރެވިފައެވެ.
އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!