ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރު ދަންމާލުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ނިންމައިފިއެވެ.

މިހާރު ހިނގަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތަކީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15 އަށެވެ.

Ad
rt

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާފައްޓަވަމުން ރިޔާސަތުން ހުށަހަޅާކަންކަމުގެ ތެރޭގައި މަޖިލީހުގެ ރައީސް އަބުއްރަޙީމް ޢަބުދުﷲ ވަނީ އެކަން ފާހަގަކުރައްވައި ދައުރުގެ މުއްދަތު އިތުރުކުރަން މިއަދު ވޯޓަށް އަހަން ނިންމާފައިވާކަން ޢިއުލާން ކުރަށްވާފައެވެ.

އަބުދުއްރަޙީމް ވިދާޅުވީ، މި ދައުރުގައި ނިންމަންޖެހޭ ބައެއް މަސައްކަތްތައް އަދިވެސް ނުނިމި ހުރުމުން މި ދައުރު މި އޯގަސްޓް މަހުގެ 26 ވާ ހޯމަ ދުވަހާއި ހަމައަށް އިތުރުކުރަން މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށެވެ.

އެގޮތަށް ފާސްވާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުން ފާސްވެގެންނެވެ.

ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދަނީ އަހަރަކު ތިން ދައުރަކަށް ކުރިއަށް ގެންދާގޮތަށެެވެ. މިކަން ބަޔާންކޮށް މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ މުއްދަތަކީ ފެބްރުއަރީ އެކަކުން މޭމަހުގެ ފަނަރަ އަށެވެ. ތިންވަނަ ދައުރުގެ މުއްދަތަކީ އޮކްޓޯބަރު މަހުގެ އެކަކުން ނޮވެމްބަރުގެ ނިޔަލަށެވެ.