މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ މަޤްޞަދުގައި ސަރުކާރުން ހިންގާ "މާލެ ފަހި ޕްރޮގްރާމް" ރޭ އިފްތިތާޙްކޮށްފިއެވެ.
މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މިއީ ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާމީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމަކީ ވެސް މި ޕްރޮގްރާމް ފަރުމާކުރުމުގެ މަޤްޞަދެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި ޕްރޮގުރާމް ބަހާލާފައި ވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެ ބައިތަކަކީ،
- ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުން
- ޕަބްލިކް ޓްރާންސްޕޯޓްގެ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުން
- މާލޭ ސަރަހައްދުގެ މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި، ފަސޭހަ އަދި އަމާން ތަންތަނަށް ހެދުން
މާލެ ފަހި ޕްރޮގްރާމަކީ ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ޚާއްޞަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ "މާލެ ފަހި ޕްރޮގްރާމު"ގެ ފޮތް ނެރެދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!