އޮލިމްޕިކް ގޭމްސްގެ، ފުޓްބޯޅަ މުބާރާތް މިއަދު ފްރާންސްގައި ފަށާފައިވާއިރު، ގްރޫޕް ސީގައި ސްޕެއިންއާއި އުޒްބެކިސްތާން ބައްދަލުކުރި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފިއެވެ.
23 އަހަރުން ދަށުގެ ޓީމްތައް ވާދަކުރާ މި މުބާރާތުގައި ސްޕެއިނުން އުޒްބެކިސްތާން ބަލިކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.
މި އަހަރުގެ 23 އަހަރުން ދަށުގެ އޭއެފްސީ އޭސިއަންކަޕްގެ ރަނަރަޕް ޓީމްކަމަށްވާ އުޒްބެކިސްތާން ކޮޅަށް ސްޕެއިންގެ ފުރަތަމަ ލަނޑުޖެހީ މާކް ޕުބިލްއެވެ. މެޗުގެ 28 ވަނަ މިނެޓުގައި އޭނާ މި ލަނޑު ޖަހާފައިވަނީ އަބެލް ރުއިޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. މެޗުގެ ނަތީޖާ އުޒްބަކިސްތާނަށް ހަމަހަމަ ކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން އެލްޑޯ ޝޮމުރޮޑޯވްއެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ލީޑު ނަގަން ސްޕެއިނަށް ޕެނަލްޓީއެއް ލިބުނުއިރު، ސާޖިއޯ ގޮމޭޒް ފޮނުވާލި ޕެނަލްޓީ އުޒްބަކިސްތާންގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ނަމަވެސް އޭގެ ތިން މިނެޓް ފަހުން އޭނާ ވަނީ ލަނޑުޖަހައި ސްޕެއިނަށް ލީޑު ހޯދައިދީފައެވެ.
މި ގްރޫޕްގައި ހިމެނޭ ޑޮމިނިކަން ރިޕަބްލިކާއި އިޖިޕްޓް ބައްދަލުކުރި މެޗު ނިމިފައި ވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
1992 ވަނަ އަހަރަށް ފަހު އޮލިމްޕިކްގެ ގޯލްޑް މެޑަލް ހޯދަން ސްޕެއިނުން މަސައްކަތްކުރަމުން އަންނައިރު، އެ ޓީމް ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މި މަހު 27 ވަނަ ދުވަހު ވާދަކުރާނީ ޑޮމިނިކަން ރިޕަބްލިކްއާއެވެ. ހަމަ އެ ދުވަހު އިޖިޕްޓް ނުކުންނާނީ އުޒްބެކިސްތާނާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!