މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން، މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު އުނގެނުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.
ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް މަޝްރޫޢުގެ ދަށުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ޕްރޮޖެކްޓްގެ ދަށުން ސްކޮލާޝިޕްގެ ތިން ޖާގަ ވަނީ ހުޅުވާލާފައެވެ. އެއީ ފިޝަރީޒް ސައިންސްގެ ރޮނގުން ބެޗްލާސް ޑިގްރީ ހެދުމުގެ ދެ ޖާގައާއި، ސްޓެޓިސްޓިކްސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހެދުމުގެ އެއް ޖާގައެވެ.
މި ސްކޮލާޝިޕްތައް ލިބޭ ފަރާތްތަކަށް މި މަޝްރޫޢުގެ ދަށުން ދޭ އިނާޔަތްތަކުގެ ތެރޭގައި، ކޯސް ފީ ދައްކައި ދިނުމާއި، ބުކް އެލަވަންސް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް އަހަރަކު އެއްފަހަރު)، އެސްޓަބްލިޝްމަންޓް އެލަވަންސް (އެއްފަހަރު)، ޑިޕާރޗަރ އެލަވަންސް (އެއްފަހަރު) އަދި ސްޓައިޕަންޑް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް) ހަމައްސައިދެއެވެ.
މި ސްކޮލާޝިޕްގެ ޝަރުޠަކީ ޖީ.ސީ.އީ އޯލެވެލްގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން އަދި ޖީ.ސީ.އީ އޭލެވެލްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން ނުވަތަ IELTS އިން އޯވަރޯލް ސްކޯ 6.0 ނުވަތަ TOEFL ސްކޯ 550 އެއް ހާސިލުކޮށްފައިވުމެވެ.
މަސްވެރިކަމުގައި ދިވެހިރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، ވޯލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯނު އެހީގެ ގޮތުގައި 52.8 މިލިއަން ޑޮލަރު ހޭދަކުރާ މަޝްރޫޢުއެއް އިފްތިތާޙްކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. މި މަޝްރޫޢު އަކީ، ހުޅަނގު ދެކުނު އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ހެކިތަކަށް ބިނާކޮށް މަސްވެރިކަމުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމާއި، މި ސަރަހައްދުގެ މަސްވެރިކަމުގައި ދިވެހިރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، ވޯލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯނު އެހީގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢޫ އެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަން އަދި އަކުއަކަލްޗަރ ދާއިރާއިން މީހުން ބިނާކުރުން ހިމެނެއެވެ. މީގެ ތެރޭގައި ދިގުމުއްދަތާއި ކުރު މުއްދަތުގެ ތަމްރީން ހިމެނޭއިރު، ދިގު މުއްދަތުގެ ތަމްރީނުގެ ގޮތުގައި 3 ޕީ.އެޗް.ޑީ ޕްރޮގްރާމް، 22 މާސްޓަރޒް ޕްރޮގްރާމް، 15 ބެޗެލަރޒް ޕްރޮގްރާމް ހިމެނެއެވެ. އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އާއި ގުޅިގެން ބެޗެލަރ އޮފް އެޕްލައިޑް ސައިންސް އެންޑް ބިޒްނަސް ގްރެޖުއޭޓް އެޑިއުކޭޝަން ޕްރޮގްރާމެއް އެކުލަވާލާ ހިންގުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!