ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ ގުޅުންހުރި އެކި މައްސަލަތަކުގައި 8 މީހުން ހައްޔަރުކޮށްފިއެވެ.

މީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ 7 މީހުންނާއި ބަނގުރާ ގެންގުޅުނުކަމަށް ތުހުމަތުކުރެވޭ ބިދޭސީއެކެވެ.

Ad
rt

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މި ޖުލައި މަހުގެ 16 ވަނަ ދުވަހު ހުޅުމާލޭގެ ދެ އެޕާޓްމަންޓަކާއި ދެ ކާރު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވެއެވެ. މި ބަލައިފާސްކުރުމުގެ ތެރެއިން 1085.71 ގްރާމުގެ މަސްތުވާތަކެތި ފެނި، 18 އަހަރާއި 39 އަހަރާ ދެމެދުގެ 7 މީހުން ހައްޔަރުކޮށްފައިވެއެވެ. މި 7 މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.

މީގެ އިތުރުން، ޖުލައި 17 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ހިންގި ޕެޓްރޯލް އޮޕަރޭޝަނެއްގައި، ބަނގުރާކަމަށް ބެލެވޭ 500 އެމްއެލްގެ 20 ފުޅިއާއެކު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި މިއަދު ހެނދުނު ހުޅުމާލެ ދިއްގާމަގު ކެޔޮޅު ބީޗުގައިހުރި ގަސްގަނޑެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލަތައް ޑްރަގް އެންފޯސްމަންޓުން ދަނީ ތަޙްޤީޤުކުރަމުންނެވެ.

ހުޅުމާލޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި މިފަދަ ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވުމާއެކު، ފުލުހުން ދަނީ އިތުރު ފިޔަވަޅުތަކެއް އަޅަމުންނެވެ.