ރާއްޖޭގައި މި ދުވަސްވަރު މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ، ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެއެވެ.
މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައިވާތީ، އާއްމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިފްކޯއިން މިއަދު ބުނީ، އެ ކުންފުނީގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައިވާތީ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ކަނޑުމަސް ލިބުން ދަތިވެފައި ވަނީ މި ދުވަސްވަރު މަސްވެރިކަން ދަށްވުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުންޏެވެ.
"މިފްކޯގެ މަސްފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް މިވަގުތު ނުވަތަ މިދުވަސްވަރު މަދުވުން ނުވަތަ ހުސްވެފައި ވަނީ ރާއްޖޭގައި މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދު ވެސް މި ދުވަސްވަރު ދަށްވުމުގެ ސަބަބުން،" މިފްކޯއިން ބުންޏެވެ.
މިފްކޯއިން ކަނޑުމަހުގެތަފާތު އެކި ބާވަތްތައް އެ ކުންފުނީގެ މަސް ފިހާރަތަކުން ވިއްކައެވެ.
މިފްކޯއިން ވަނީ ދާދިފަހުން އެ ކުންފުނިން މަސް ގަންނަ އަގުވެސް ބަދަލުކޮށްފައެވެ. އެގޮތުން، މަސްވެރިން އަތުން އެ ކުންފުނިން މިހާރު މަސް ގަންނަނީ ބައިނަލްއަގުވާމީ ބާޒާރުގައި ހުންނަ އަގަށް ރިއާޔަތްކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!