އިސްރާއީލުން ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ނުރައްކާތެރި ޙަމަލާގައި ފަލަސްތީނުގެ އާންމުން މަރުވުމާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ފަލަސްތީނުގެ އާންމުން ޝަހީދުވި ކަމަށްޓަކައި ވަރަށް ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ އެ ހަމަލާ ކުށްވެރިކުރައްވާފައެވެ.
އދގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އޮޕަރޭޝަނާ ގުޅިގެން ފަލަސްތީނުގެ އެތައް ސަތޭކަ އާންމުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާތީ ސެކްރެޓަރީ ޖެނެރަލް ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ.
އދގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ނެރުނު މައުލޫމާތާ ހަވާލާދެއްވައި ޑުޖާރިކް ވިދާޅުވީ އިޒްރޭލުގެ އޮޕަރޭޝަނަށް ފަހު އެ ސަރަހައްދުގެ ހޮސްޕިޓަލްތައް ފުރިފައިވާ ކަމަށެވެ.
އާންމުންގެ ހިމާޔަތުގައި ހުރިހާ ފަރާތްތަކަކަށް ގޮވާލާ ގޮވާލުން ތަކުރާރުކުރައްވަމުން ޑުޖާރިކް ވިދާޅުވީ ފުރާނަ އަށް ލިބޭ ކޮންމެ ގެއްލުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ.
މި އޮޕަރޭޝަންގައި އެހީގެ ޓްރަކްތައް ހިފައިގެން އިޒްރޭލު ސިފައިން ކޭމްޕަށް ވަދެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑުޖާރިކް ވިދާޅުވީ އެ ރިޕޯޓްތަކާ ގުޅޭ ހަރުދަނާ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
ނަމަވެސް އިންސާނީ އޮޕަރޭޝަންތަކާއި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މިނިވަންކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އިހުތިރާމް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ހަތަރު މީހަކު މިނިވަންކޮށްފައެވެ.
މި އޮޕަރޭޝަންގައި ފަލަސްތީނުގެ 274 މީހުން ޝަހީދުވެ، 700 މީހުން ޒަހަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.
ޣައްޒާގައި ފަލަސްތީނުގެ 37،100 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 84،700 އެއްހާ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެ އެވެ.
އިސްރާއީލު ހަނގުރާމައަށް އަށް މަސް ވީއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ބޭނުންކުރުން ހުއްޓުމަކަށް އައިސްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!