ހަތަރު ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް މިއަދު ފަށައިފިއެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ދަރުބާރު ގޭގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެވެ.

Ad
rt

މި ކޮންފަރެންސް ކުރިއަށް ގެންދަނީ "ސްމާރޓް ގަވަރނަންސް ފޯރ ސިވިލް ސަރވިސް އެކްސެލެންސް" މި ތީމުގެ ދަށުން ނެވެ.

ހަތަރު ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސްގައި ޖުމްލަ 3 ދާއިރާއަކުން 15 ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 250 އަށްވުރެ ގިނަ ބައިވެރިވެރިން މި ކޮންފަރެންސްގައި ބައިވެއެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެޚްމާން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ދެއްކެވި ވާހަކަފުޅުގައި ވަނީ މި ސިވިލް ސަރވިސް ކޮންފަރެންސަކީ ވެސް، ޤައުމަށާއި ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެ މުއައްސަސާއިން ސިލްސިލާކޮށް ކުރައްވަމުން ގެންދަވާ، މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ.

''އެއިރަކު އެ އޮންނަ ސަރުކާރަކުން ކަނޑައަޅާ އަމާޒުތަކަށް ޤައުމު ގެންގޮސްދީ، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދޭން މަސައްކަތްކުރާ އެއްބަޔަކީ ސިވިލް ސަރވިސް. ކޮންމެ ސަރުކާރެއްގެވެސް އަމާޒުތައް ހާސިލުކޮށްދިނުމުގައި، ޤައުމީ ލޯބީގައި ވަރަށް މުރާލިކަމާއި ޖޯޝާއެކީގައި، އައްސަރިބަހާއި ސާބަސް ތަކުރާރުކުރަން ޖެހޭނެ ބޮޑެތި ޚިދުމަތްތަކެއް، ދިވެހި ސިވިލް ސަރވިސްއިން ދަނީ ކޮށްދެއްވަމުން. އެކަމަށްޓަކައި ދިވެހި ސިވިލް ސަރވިސްގެ އެންމެހައި މެންބަރުންނަށާއި އަދި ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ޝުކުރު ދަންނަވަން.'' ނައިބު ރައީސް ވިދާޅިވެފަވެއެވެ.

ނައިބު ރައީސް ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ، ވަރަށް ކެތްތެރިކަމާއި ވަރަށް ޙިކުމަތްތެރިކަމާއި، ވަރަށް ކަމޭހިތުމާއެކު އަދާކުރަންޖެހޭ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ކޮންމެ ވުޒާރާއަކާއި، ކޮންމެ އޮފީހަކުންވެސް އެއްވެސް ދައްޗެއްނެތި ފަސޭހަކަމާއެކު ޚިދުމަތް ލިބެން ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.

''ޚިދުމަތަކަށް އެދި ސަރުކާރުގެ ގިނަ އިދާރާތަކަށް ދާ ރައްޔިތުން ކޮންމެ ދުވަހަކުވެސް އިސްތިޤްބާލު ކުރަން ތިބޭނީ ސިވިލް ސަރވިސް މުވައްޒަފުން. ރައްޔިތުންގެ އަޑުއަހަން، ސުވާލުތަކަށް ޖަވާބުދާރީވާން، ކަންކަން ފަހިކޮށްދޭން، ހަލުވިކޮށްދޭން، މަގު ދައްކަވަން ތިބޭނީވެސް، ހަމަ ސިވިލް ސަރވިސް މުވައްޒަފުން. އެހެންކަމުން، ސަރުކާރެއް ހިންގުމަށް ސިވިލް ސަރވިސް ވަރަށް މުހިންމު ދައުރެއް އެބަ އަދާކުރޭ. ސިވިލް ސަރވިސްގެ އެހީތެރިކަމާއި، އިޚްލާޞްތެރި އެއްބާރުލުން ދިވެހި ސަރުކާރަށް ބޭނުންވޭ.'' ނައިބު ރައީސް ވިދާޅުވެފަވެއެވެ.