ރެއާލް މެޑްރިޑުން 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައި، ޔޫރަޕްގެ ކިންގަކީ އެއީކަން އަނެއްކާ ވެސް ސާބިތުކޮށްދީފިއެވެ.
ޗެމްޕިއަންސް ލީގު ފައިނަލް މެޗު ރޭ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރެއާލް މެޑްރިޑާއި ބްރޫޝިއާ ޑޯޓްމަންޑެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ރެއާލުން މި ވަނީ ޔޫރަޕްގެ ރަސްކަމަށް އަރާފައެވެ.
މިއީ ފާއިތުވި 11 އަހަރުތެރޭ ރެއާލުން ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރި ހަވަނަފަހަރެވެ. ރެއާލުން ޖުމްލަ ފަނަރަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާއިރު، ދެން އެންމެ ގިނައިން މި ތަށި ހޯދާފައި ވަނީ އޭސީ މިލާނުންނެވެ. މިލާނުން ހަތްފަހަރު އަދި ލިވަޕޫލާއި ބަޔާން މިއުނިކުން ވަނީ ހަފަހަރު މި ތަށި ކާމިޔާބު ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެ ޓީމަށް ފުރަތަމަ ހާފުގައި ޑޯޓްމަންޑް ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާއެއް ވެސް ފޮނުވާލެވޭ ގޮތް ނުވިއެވެ. މި ހާފުގައި ޑޯޓްމަންޑުން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައެވެ. މިގޮތުން އެ ޓީމްގެ ކަރީމް އަޑެޔޭމީ އަށް ހުސް ފުރުސަތެއް ލބި ބޭނުން ނުކުރެވުނުއިރު، ފުލްކްރޫގް ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ރެއާލުން ކުޅުން ރަނގަޅު ކުރިއެވެ. ރެއާލުގެ ފުރަތަމަ ލަނޑު 74 ވަނަ މިނެޓުގައި ޓޯނީ ކްރޫސް ނަގައިދިން ކޯނަރަކުން ތަނަވަސް ވީ ފުރުސަތުގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ކަރަވަހާލްއެވެ. އެ ޓީމްގެ ދެވަނަ ލަނޑު 83 ވަނަ މިނެޓުގައި ޖަހައިދިނީ ވިނީސިއަސްއެވެ. ޑޯޓްމަންޑްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި މި ލަނޑު ޖަހަން ފުރުސަތު ފަހި ކޮށްދިނީ ޑޯޓްމަންޑް ދޫކޮށް މި ސީޒަނަށް ރެއާލަށް ބަދަލުވި އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރ ޖޫޑް ބެލިންހަމްއެވެ.
ރޭ މެޗަކީ އުމުރުން 34 އަހަރުގެ ޓޯނީ ކްރޫސް ކްލަބް ފުޓްބޯޅައިގެ ފަހު މެޗެވެ. މި މަހު ފަށާ ޔޫރޯއަށް ފަހު އޭނާ ވަނީ ފުޓްބޯޅައިން ރިޓަޔަރ ކުރަން ނިންމާފައެވެ. ރޭގެ ތައްޓަކީ ރެއާލުގެ މޮޑްރިޗް، ޓޯނީ ކްރޫސް، ނަޗޯގެ އިތުރުން ކަރަވަހާލްއަށް ވަރަށް ހާއްސަ ތައްޓެކެވެ. މި ކޮންމެ ކުޅުންތެރިއަކު ހަފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އެންމެ ގިނައިން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކުޅުންތެރިންގެ ރެކޯޑް ވަނީ ހަދާފައެވެ. ރެއާލްގެ ކޯޗް އަންޗެލޯޓީ މިވަނީ ފަސްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ. އެއީ ރެއާލާއިއެކު ތިންފަހަރު މިލާނާއިއެކު ދެފަހަރެވެ. ކޯޗެއްގެ ގޮތުގައި މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކުރުމުގެ ޝަރަފް އޭނާ މި ވަނީ ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!