މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވައިކަރަދޫގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ ފަސްވަނަ ދުވަހެވެ. ވައިކަރަދޫގައި މިއަހަރު ތިމާވެށީގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވަނީ އެޓްމޮސްފިއާ ފައުންޑޭޝަނާއި ވައިކަރަދޫ ކައުންސިލާއި އަންހެނުންގެ ތެރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެންނެވެ. އެޓްމޮސްފެއާ ފައުންޑޭޝަނަކީ ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓް ހިންގާ އެޓްމޮސްފިއާ ކުންފުނިން މުޖުތަމައުއަށް ފައިދާ ހުރި އެކި ކަންކަމަށް އެހީ ދިނުމަށް އުފައްދާފައިވާ ފައުންޑޭޝަނެކެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ސްކޫލް ކުދީންނާއި ޢާންމުންނަށް ހުޅުވާލައިގެން މުބާރާތްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެ މުބާރާތްތަކުގެ ތެރޭގައި މަޒުމޫނު ލިޔުމުގެ މުބާރާތް، ލީފްލެޓް ހެދުމުގެ މުބާރާތް، ޕޯސްޓަރު ކުރެހުމުގެ މުބާރާތް، ފޮޓޯ ނެގުމުގެ މުބާރާތުގެ އިތުރުން އޮނުން ތަކެތި ހެދުމުގެ މުބާރާތް ހިމެނެއެވެ.
ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މުބާރާތްތައް ގުޅުވާލާފައި ވަނީ "އޮނު ގަސް" މި މައުލޫއަށެވެ. އެޓްމޮސްފިއާ ފައުންޑޭޝަނާއި ވައިކަރަދޫ ކައުންސިލާއި އަންހެނުންގެ ތެރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން އެ ރަށުގައި މިއިޔަ އަހަރުގެ އޮކްޓޯބަރ މަހު ވަނީ 101 ގަސް އޮނު އިންދާފައެވެ. އެ ގަސްތަކުގެ ތެރޭގައި 11 ވައްތަރެއްގެ އޮނުގަސް ހިމެނެއެވެ.
އެ ކައުންސިލުން ބުނީ މުބާރާތްތަކާއި ގުޅޭ މަޢުލޫމާތު ކައުންސިލް ވެބްސައިޓުންނާއި ފޭސްބޫކް ޕޭޖް އަދި ވައިބަރ ގްރޫޕްގެ އިތުރުން ކައުންސިލާއި ހދ. އަތޮޅު މަދަރުސާއިން ލިބިލައްވާނެކަމަށެވެ.
މި މުބާރާތްތަކުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މި މަހު 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!