މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދޭ "މިލަންދޫ ކައުންސިލް ޤުރުއާން މުބާރާތް 1445" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަހު 30 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ މިލަންދޫގެ ކުދިބޮޑު އެންމެންގެ ހިތުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އެ ރަށުގައި ކުރިއެރުވުމާއި، ޤުރުއާން ކިޔެވުމުގެ ތަޖުވީދު ހަމަތަކާއި ހުކުމްތަކާއި އެއްގޮތަށް ކިޔަވާ ބަޔަކު އުފެއްދުމުގެ އިތުރުން ޤުރުއާން ހިތުދަސް ކުރުމުގެ ރޫހު އާލާ ކުރުމެވެ.
މި މުބާރާތުގައި ދެ ގޮތްޕެއް ހިމެނެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕެވެ. މުޅި މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް "ދަތުރުވެރިޔާ" ގެ ފަރާތުން ވަނީ އިމްރާ ދަތުރެއް ހަމަޖައްސާފައެވެ. އަދި ފައިސާގެ އިނާމެއްގެ ގޮތުގައި 15000 (ފަނަރަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ އެކި ގޮފިތަކުން އެކި އުމުރުފުރާއިން ހޮވާ ވަނަތަކަށް ޖުމްލަ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހު 8 ވަނަ ދުވަހުގެ ކުރިން އެކަމަށް ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަކުރުމަށް ފަހު ސަބްމިޓް ކުރުމަށް އިންތިޒާމްކުރާ ފަރާތުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!