ހުޅުމާލެ ދެ ވަނަ ފިޔަވީގައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓްގައި ޖެހި ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ސަރަހައްދުގައި ޕެޓްރޯލް ކުރަން އުޅުނު މީހުންނަށް ޓްރާންސް ފޯމަރެއްގެ ތެރޭގައި ކަރަންޓްގައި ޖެހިފައި އޮތް މީހަކު ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

Ad
rt

ފުލުހުންނަށް އެމީހާ ފެނުނީ ހިޔާ ޓަވަރުގެ އެޗް ތިނެއް ކައިރީ ހުންނަ ޓްރާންސް ފޯމަރެއްގެ ތެރޭގައި ކަރަންޓްގައި ޖެހި އަނިޔާތަކާއެކުގައި ވެއްޓިފައި އޮއްވައި ރޭ ފަތިހު 4:07 ހާއިރު އެވެ.

''އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،'' ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވީގައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓްގައި ޖެހި ނިޔާވެފައި މިވަނީ ޓްރާންސްފޯމަރުތަކުން ވައްކަން ކުރަން އިތުރުވެ، އެކަމުގެ ސަބަބުން ހުޅުމާލޭގެ ކަރަންޓަށް ބުރޫއަރައި، އެކަމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ވެސް ހިނގާފާނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.