މާލޭގައި ހުރި ބޮޑެތި އުޅަނދުތައް ނަގާ ނިމޭއިރު ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކުރެއްވި ސުވާލަކާ ގުޅިގެން އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ހަތަރު ފުރޮޅުލީ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް ކުރާތާ ހަފްތާއެއް މިހާރު ވެދާނެ ކަމަށާއި މިފަދަ ބޮޑެތި އުޅަނދުތައް ނަގާ ނިމޭއިރުގައި މާލޭގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމުގައި އިހުސާން ވިދާޅުވިއެވެ.
މާލޭގައި ހުންނަ ހަނި ގޯޅިތަކުގައި ޕާކޮށްފައި ހުރި ސައިކަލުތަކާއި ކާރުތަކުގެ ސަބަބުން ދިމާވާ ދަތިތައް ފާހަގަ ކުރައްވައި އިހުސާން ވިދާޅުވީ މިފަދަ މައްސަލަތަކަށް ޙައްލެއް ގެނައުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން ވަރަށް މުހިއްމު ކަމަށެވެ.
"ޖުމްލަ ހައްލަކަށް އަންނާނީ ދެކަމެއް ހާސިލުވެގެން. އެއްކަމަކީ އަޅުގަނޑުމެންގެ ތެރޭގައި އޭގެ އާދަކާދަ އަށަގަނެގެން ޕާކުކުރުން މަނާ ތަންތަނުގައި ޕާކު ނުކުރަން. ދެވަނަ ކަމަކަށް އަޅުގަނޑު ހަމަ ގަބޫލުކުރަން ސައިކަލުތަކަށްވެސް އަޅުގަނޑުމެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅުގަނޑުމެން އަޅަންޖެހޭނެ." އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ޕާކިން ސްޓްރަކްޗާތައް އަޅާ ނިމި، ޕާކިން ޒޯނުތައް ދެއްކޭ ހިސާބުން ފެށިގެން ކުރިން ވެސް ބޭނުން ކުރަމުން އައި ހުރިހާ އެންފޯސްމަންޓް ވަސީލަތްތައް ބޭނުން ކުރުން ކަމަށެވެ.
މާލޭގައި ގަވައިދާ ހިލާފަށް ޕާކް ކުރުން ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން ފުލުހުން ވަނީ އެ ވެހިކަލްތައް ޓޯކޮށް ނައްތާލުމުގެ މަސައްކަތް ފަށައިފައެވެ. ފުލުހުން މިހާތަނަށް އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ނަމަ، 200 އަށް ވުރެ ގިނަ އުޅަނދުތައް މިހާރު ވަނީ ނައްތާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!