މިއަހަރު ތެރޭ ކުޅުދުއްފުށި އަދި ހަނިމާދޫ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޓްރާންސް ޕޯރޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އެކަމަނާ އެހެން ވިދާޅުވީ ރޭ ވީޓީވީ އިން ގެނެސްދިން ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ރޭ މިނިސްޓަރު ނަހުލާ ވިދާޅުވީ ކުރީ ސަރުކާރުން ތަރައްޤީކޮށް މިސަރުކާރުން ހުޅުވި ކުޅުދުއްފުށި އެއާޕޯޓް ތަރައްޤީ ކޮށްފައި އޮތީ މި ސަރުކާރުން ބޭނުންވާ ފެންވަރުގައި ނޫން ކަމަށެވެ. އެހެންކަމާއެކު މިއަހަރުގެ ތެރޭގައި އެ ރަށުގެ އެއާޕޯޓް އިތުރަށް އަޕްގްރޭޑް ކުރެވި ތަރައްގީ ކުރެވިގެން ދާނެކަމަށެވެ. އަދި މިހާރު އެއާޕޯޓަށް ބޭނުންވާ ބަދަލުތައް ދެނެގަންނަމުންދާ ކަމަށާއި، މިއަހަރު ތެރޭ އެއަރޕޯރޓް އިތުރަށް ތަރައްޤީ ކުރެވިގެންދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް އަޕްގްރޭޑް ކުރެއްވުމާމެދު ވިދާޅުވީ ވަކި ތާރީޚެއް ވިދާޅު ނުވިނަމަވެސް މި ހިނގާ އަހަރު ތެރޭގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ފުޅާދާއިރާއެއްގައި އަޕްގްރޭޑް ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި އެކަމަށް މިހާރު މަސައްކަތްތަކެއްވެސް ކުރެވެމުން ދާކަމަށް އެކަމަނާ ފާހަގަ ކުރެއްވިއެވެ.
މިއަހަރުގެ އޮގަސްޓް މަސްތެރޭ ހއ. ހޯރަފުށި އެއާޕޯޓް ހުޅުވަން މަސައްކަތް ކުރައްވާކަމަށާއި އަދި ޖެނުއަރީ މަހުގެ ތެރޭގައި ށ. ފުނަދޫ އެއާޕޯޓް ހުޅުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިތުރު ބައެއް އެއަރޕޯރޓްތައް މިއަހަރު ހުޅުވިގެން ދާނެކަމަށްވެސް ރޭ އެކަމަނާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!