ފެނަކަ އުތީމް ބްރާންޗްގެ ފަރާތުން އިސްނަގައިގެން އެ ރަށުގައި ތަރައްގީކުރި ކޮމިއުނިޓީ ޕާކާއި، އިސް ރަށްވެހިންގެ ހިޔާ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ.
އެ ރަށުގެ އިރުދެކުނު ފަރާތު އަތިރިމަތީގައި ތަރައްގީކުރި މި ޕާކް ހުޅުވުމުގެ ގޮތުން އާދީއްތަ ދުވަހުގެ ހަވީރު އެތަނުގައި ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެ ޕާކް ރަސްމީކޮށް ހުޅުވައި ދެއްވީ ހއ.އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީޤެވެ.

މި ތަނާއި ގުޅޭގޮތުން މައުލޫމާތު ދެމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބުނީ މި ޕާކަކީ އެ ރަށު ފެނަކައިން އިސް ނަގައިގެން ރަށުގެ ހުރިހާ މުއައްސަސާތައް ހިމެނޭހެން ގިނަބައެއްގެ އެއްބާރުލުމާއިއެކު ތަރައްގީކުރި ކޮށްފައިވާ ޕާކެއް ކަމަށާއި، އެ ޕާކުތެރޭ އެ ކައުންސިލުން އިސްނަގައިގެން ރަށުގެ އިސް ރަށްވެހިންނަށް ހާއްސަ ބައެއް ތަރައްގީކޮށްފައިވާނެ ކަމަށެވެ.

ޕިކްނިކް ގޮސް ބާބެކިއު ހަދައި މޫދަށްއެރި ފެންވަރާލެވޭ އިންތިޒާމް އެތަނުގައި މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ހަޓްތަކާއި ތަފާތު އަށިތަކާއި ބެންޗްތަކުގެ އިތުރުން ގޮނޑިއާއި އުނދޯލުވެސް އެ ސަރަހައްދުގައި ވަނީ ބަހައްޓާފައެވެ. އިހުގެ ގޮތްތައް ފެންނަފަދަ ގޮތަކަށް ތަރައްގީ ކޮށްފައިވާ އެ މައިޒާނުން އެ ރަށު މީހުންގެ މަސައްކަތްތެރިކަން ފެނިގެންދެއެވެ. އެތަނަށް ލާފައިވާ ލައިޓްތަކުން ރޭގަނޑު އެ ސަރަހައްދަށް އިތުރު ހިތްގައިމުކަމެއް ގެނުވައެވެ.
ރަޝީދު އިތުރަށް ބުނީ ކައުންސިލުގެ ވިސްނުމަކީ އެ ސަރަހައްދު ކުރިއަށް އޮތްތަނުގައި އިތުރަށް ތަރައްގީ ކުރުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!