ހދ. މަކުނުދޫ އެއާޕޯޓު މި އަހަރު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
"ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މަކުނުދޫ، ލިބަޓީ، އިފާސާ އަހުމަދު ކުރި ސުވާލުގައި ބުނީ މަކުނުދޫއަކީ ވަރަށް ދުރުގައި، އެކަހެރިކޮށް އޮންނަ ރަށެއް ކަމަށާއި އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަރަށް އުނދަގޫވާ ކަމަށެވެ. މިހާރު ކުރިއަށްދާ އެއާޕޯޓުގެ މަޝްރޫއު ނިމި، ދަތުރު ކުރަން ފެށޭނީ ކޮން ދުވަހެއްގައިތޯ އޭނާ ސުވާލު ކުރިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަކުނުދޫއަކީ އެކަހެރިކޮށް އޮންނަ ރަށެއް ކަމަށާއި އެހެން ރަށްތަކާ ހިލާފަށް ދަތުރުފަތުރު ވެސް ދަތި ރަށެއް ކަމަށެވެ. އެހެންވެ، މިހާރު ފެށިފައި އޮތް އެއާޕޯޓުގެ މަސައްކަތަކީ ވަރަށް އިސްކަމެއް ދޭނެ މަސައްކަތެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި އެ މަޝްރޫއު ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މީގެކުރިން 1،500 މީޓަރަށް ހަދަން އޮތް ރަންވޭ 1،800 މީޓަރަށް ދިގުކޮށްދޭނެ ކަމަށެވެ. އެއާ އެކީގައި އިތުރު ކުރިއެރުން ވެސް ލިބިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
"ވަރަށް ބާރަށް ކުރިއަށް އެބަ ގެންދަން. އިރާދަކުރެއްވިއްޔާ މި އަހަރު ނިމެންވާ އިރަށް އަޅުގަނޑުމެން މި ބަލަނީ އެއާޕޯޓު ހުޅުވޭތޯ. އެހެންވީމަ އިރާދަކުރެއްވިއްޔާ މި އަހަރު އޭގެ ފަސޭހަކަން ލިބެން ފަށާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!